ތ.ވިލުފުށީގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދިވެހި މީހާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހާދިސާ އާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ކައުންސިލުން ބުނީ އަނިޔާވި ދިވެހި މީހާ އަކީ ރޯވި ބޯޓުގެ ވެރި މީހާ ކަމަށެވެ. އޭނާ މާލެ އަށް ފޮނުވާލީ އަންގާރަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އޭނާގެ ހަޑިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އޭނާގެ ހަށިގަނޑުގެ ބޮޑު ބަޔަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަނިޔާވެފައިވާ ދިވެހި މީހާ އަކީ އުމުރުން 61 އަހަރުގެ މީހެކެވެ.
މިހާދިސާގައި ދެ ދޯނީގައި ރޯވެފައިވާ އިރު އެ ދެ ދޯންޏަކީ ވެސް އެ މީހާގެ ދެ ދޯންޏެވެ. މި ހިސާދިސާގައި ބިދޭސީ އަކަށް ވެސް އަނިޔާވިއެވެ. އޭނާ އަށް ތ.ވިލުފުށީ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ.
މަންޒަރު ދުށް ބައެއް މީހުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ގޮތުގައި ފުރަތަމަ ދޯނީގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުގެ ސަބަބުންނެވެ. އަދި ދެންތ އޮތް ދޯނީގައި ރޯވީ އަނެއް ދޯނީގެ އަލިފާނުގެ އަސަރުކޮށްގެނެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.