އޮރިޔާން ކާޑު އުފައްދަން އަދި އިންސާނީ ކަރާމާތް ނަގާލަން ހިތްވަރު ލިބޭފަދަ އަމުރު ނެރެދޭ ފަނޑިޔާރުން ސަސްޕެންޑުކުރުން މާރަނގަޅު ވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒް މިފަދައިން ވިދާޅުވީ އެމްޑީޕީ އިން ކުރިއަށްގެންދިޔަ މުޒާހަރާގައި ރައީސްގެ ދަރިކަލަކާއި ގުޅުވައިގެން ދެއްކި ވާހަކައިގެ މައްސަލައަށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަދި އަހުމަދު ސަލީމް (މަޒް ސަލީމް) ފުލުހަށް ހާޒިރުވެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މާޒް އަދި މަންދީގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި، އަޑުގެ ސާމްޕަލް ނެގުމަށް ހާޒިރުވާން އަންގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޓެގްކޮށް އެކްސްގައި އިޔާޒް ވިދާޅުވީ ސަރުކާރުން އަމިއްލަ އަށް އުފައްދައިގެން އުޅޭ މައްސަލައެއްގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ޝަރީޢަތަށް ނުފޫޒު ފޯރުވާ، ޝަރީޢަތް ހުއްޓުވުމަށްވުރެ، މިފަދަ އޮރިޔާން ކާރޑު އުފައްދަން އަދި އިންސާނީ ކަރާމާތް ނަގާލަން ހިތްވަރު ލިބޭފަދަ އަމުރު ނެރެދޭ ފަނޑިޔާރުން ސަސްޕެންޑުކުރުން މާރަގަޅު ނޫންތޯ؟ ވިދާޅުވެފައެވެ.
ސަރުކާރުން އަމިއްލަ އަށް އުފައްދައިގެން އުޅޭ މައްސަލައެއްގެ ތުހުމަތުގައި @SCMaldives ގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ޝަރީޢަތަށް ނުފޫޒު ފޯރުވާ، ޝަރީޢަތް ހުއްޓުވުމަށްވުރެ، މިފަދަ އޮރިޔާން ކާރޑު އުފައްދަން އަދި އިންސާނީ ކަރާމާތް ނަގާލަން ހިތްވަރުލިބޭފަދަ އަމުރު ނެރެދޭ… https://t.co/ySY4rF21oS
— Dr.Mohamed Iyaz (@dr_iyaz) April 20, 2025
ފުލުހުން ކްރިމިނަލް ކޯޓުގެ އަމުރަކަށް މިފަދައިން އެދުނީ އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ، ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ އެއްވުމެއްގައި ސާޖިދާގެ ދަރިފުޅު ވޭޕް ބޯން ފެއްޓީމައޭ ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަންދި ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
މީގެ އިތުރުން މާޒްގެ ޗިޓުގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މަރިޔަމް ޒުބައިރު (މަންދި) ވާހަކަ ދައްކާފައިވާކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، 2025 މާޗް 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ، ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ އެއްވުމއްއގައި މަންދި ދެއްކި ވާހަކައަށް ތާއިދުކޮށް، އެވާހަކަ ދެއްކުމަށް ހިއްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މާޒް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.