ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 15:43
ތުރުކީގެ ކަނޑުގެ ސިފައިންގެ މުވައްޒަފުން ޓީސީޖީ ​​ވޯލްކަން ބޯޓުގައި ޚިދުމަތް ކުރާނެ ދިވެހި ސިފައިން ތުރުކީގައި ތަމްރީން ކުރަނީ
ތުރުކީގެ ކަނޑުގެ ސިފައިންގެ މުވައްޒަފުން ޓީސީޖީ ​​ވޯލްކަން ބޯޓުގައި ޚިދުމަތް ކުރާނެ ދިވެހި ސިފައިން ތުރުކީގައި ތަމްރީން ކުރަނީ
އޭއޭ ފޮޓޯ
ދިވެހިރާއްޖެ-ތުރުކީ ގުޅުން
މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ
ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް މިސައިލް ފޮނުވާ އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން
އުޅަނދު ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދަނީ ތުރުކީގައި މަރާމާތްކުރުމަށްފަހު
އުޅަނދުގައި ޚިދުމަތްކުރާނެ ދިވެހި އަސްކަރިއްޔާގެ ސިފައިން ތުރުކީގައި ގެންދަނީ ތަމްރީނު ހަދަމުން

މިސައިލް ފޮނުވާ އަސްކަރީ ކަނޑުމަތީ ބޯޓެއް ތުރުކީ ވިލާތުން ރާއްޖެ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމުގައި އެ ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކުރަނީ ޓީސީޖީ ވޯލްކަން (ޕީ-343) ހަނގުރާމަމަތީ އުޅަނދެއް ކަމަށް ވެސްރިޕޯޓުތައް ބުނެއެވެ. މި އުޅަނދަކީ ޑޯގަން-ކްލާސްގެ އަވަސް ހަމަލާދޭ އުޅަނދެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި އުޅަނދު ހަދިޔާ ކުރަނީ ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ދެވޭ އެހީއެއްގެ ގޮތުގައި ކަމަށް ތުރުކީގެ ދިފާއީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ އަނަދޯލު ނިއުސް އެޖޭންސީން ބުނެފައިވެއެވެ.

އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން އިސްތަންބޫލްގެ ނޭވަލް ޝިޕްޔާޑުގައި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މި ޚަބަރުގައި ވެއެވެ. 2025 ވަނަ އަހަރުގެ އޭޕްރިލް އާއި ޖޫން މަހުގެ ދެމެދު ޑޮކް ލޭންޑިންގ ބޯޓެއްގެ އެހީގައި އުޅަނދު ރާއްޖެއަށް ގެނައުމަށް ވަނީ ރޭވިފައެވެ.

އުޅަނދުގައި މަސައްކަތް ކުރާ ދިވެހި އަސްކަރިއްޔާގެ ސިފައިން މިހާރު ގެންދަނީ ތުރުކީ ވިލާތުގައި ތަމްރީނު ހަދަމުން ކަމަށާއި، އޭޕްރިލް 7 ގައި ފެށި މި ތަމްރީނުތައް މެއި 9 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އުޅަނދުރާއްޖެ ގެނައުމަށްފަހު ތުރުކީގެ ނޭވީގެ ޓީމަކުން މި މިސައިލް ބޯޓު އެކްޓިވޭޓްކޮށް، އިތުރު ދެ ހަފްތާގެ އޮޕަރޭޝަނަލް ތަމްރީނު ދިވެހި ސިފައިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓީސީޖީ ވޯލްކަން އަކީ 1981 ވަނަ އަހަރު ތުރުކީގެ ކަނޑުގެ ސިފައިން ބޭނުން ކުރަން ފެށި އުޅަނދެކެވެ. އެހެން ނަމަވެސް 2024 ގައި މިއުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި ބަދަލުކުރެވިފައެވެ. ޑޯގަން-ކްލާސް އުޅަނދުތަކަކީ ޖަރުމަނުގެލޫސެން ވާފްޓް ކުންފުނިން ފަރުމާކޮށްފައިވާ، ހާޕޫން އެންޓި-ޝިޕް މިސައިލް ހަރުކުރެވިފައިވާ އުޅަނދުތަކެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކަމަށް ބުނެ ތުރުކީ ވިލާތުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ "ބޭރަކްޓާ ޓީބީ 2" ގެ 6 ޑްރޯންވެސް ވެސް ގަނެފައެވެ. އެތައް ލައްކަ ޑޮަލަރެއް ޚަރަދުކޮށްގެން ގަތް މި ޑްރޯންތަކުގެ ބޭނުން ހިފަމުން ނުދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުއިއްޒު ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީގެ އަސްކަރީ ސަމާނު އުފައްދާ ބައެއް ކުންފުނިތަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

- ކޮމެންޓް