ހުޅުމާލޭގައި ރޭ ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެންނެވެ.
ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ. މިއީ އެއްބަނޑު އެއްބަފާ ދެބެން (ޓުވިންސް) އެއް ކަމަށް މައުލޫމާތުލިބިފައިވެ އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.
އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތިކަމަށް ފެނިފައިވެއެވެ. މީގެ ތެރޭގައި ފްލޭވަރ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.