ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 12:38
''ޓީވީޓޯކް ޕްރޮގްރާމް''ގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ
''ޓީވީޓޯކް ޕްރޮގްރާމް''ގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖެއަށް އިތުބާރު ގެއްލުން
ހުދުމުހުތާރު ވެރިކަމެއްގައި އިންވެސްޓަރުން އިންވެސްޓް ކުރަން ބޭނުމެއް ނުވޭ، މިގައުމުން ފެންނަނީ އެމަންޒަރު: އަމީރު
ރާއްޖޭގެ އިގްތިސާދު ވަރަށް ކުޑަ، މިއީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ އިގްތިސާދެއް
އިގްތިސާދު ކުރިއެރުވުމަށް ދުނިޔޭގެ އެހެން ގައުމުތަކާ އޮންނަ ގުޅުން ވަރަށް މުހިންމު
ހުދުމުހުތާރު ވެރިކަމެއްގައި އިގްތިސާދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް

ހުދުމުހުތާރު ވެރިކަމެއްގައި އިންވެސްޓަރުން އިންވެސްޓް ކުރުމަށް ބޭނުން ނުވާ ކަމަށާއި، ދިވެހިރާއްޖެއިން ފެންނަމުންދަނީ އެމަންޒަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް''ގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރަށް ކުޑަ ކަމަށާއި، މިއީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ އިގްތިސާދެއް ކަމަށެވެ. ރާއްޖޭގެ އެންމެ މުހިންމު އިގްތިސާދީ ހަރަކާތަކީ ފަތުރުވެރިކަން ކަމަށާއި، އެހެން ގައުމުތަކާ އަޅާ ބަލާއިރު ގައުމުގައި ރިސޯސް ވެސް މަދު ކަމަށް އަމީރު ވިދާޅުވި އެވެ.

އިގްތިސާދު ކުރިއެރުވުމަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށް ދުނިޔޭގެ އެހެން ގައުމުތަކާ އޮންނަ ގުޅުން ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓް ކުރުމުގައި އިންވެސްޓަރުންނާއި، އިންވެސްޓްމަންޓުތަކަށް ހުރި ރައްކާތެރިކަން ބަލައި ޔަގީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގައި އޮންނަ ވެރިކަމަކަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ޝަރުއީ ނިޒާމު ފުޑާލައި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި، ހުދުމުހުތާރު ވެރިކަމެއް ގައުމުގައި ގާއިމްކުރާނަމަ މިގައުމަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުންގެ އެއްވެސް ޝައުގުވެރިކަމެއް ނުހުންނާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ގައުމު ވަރަށް ބޮޑަށް ޕްރޮމޯޓް ކުރި ނަމަވެސް ނަތީޖާއެއް ނުފެންނާނެ ކަމަށާއި، ސަރުކާރަށް ފައިސާއެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓް ސަޕޯޓަށް ފައިސާއެއް ނުލިބޭނެ ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް ނުލިބޭ ކަމަށެވެ.

ސަރުކާރު ހިންގުމަށް މި ބޭނުންވާ ބަޖެޓް ސަޕޯޓަށް މި ބޭނުންވާ ފައިސާއާއި ބޭރުގެ މާކެޓުގައި އަޅުގަނޑުމެން މިސާލަކަށް ޓްރެޝަރީ ބޮންޑް ވިއްކިއަސް ސްކޫކު ވިއްކިއަސް ފައިސާ ހޯދުމަށް އެކުރާ މަސައްކަތަށް އިންވެސްޓަރ ބޭނުމެއް ނުވާނެ އައިސްފައި ރާއްޖޭގައި އިންވެސްޓް ކުރާކަށް. އެހެންވީމަ ރާއްޖެއަށް ކުރިއަށް އޮތްތާގައި ވެސް އިންވެސްޓްމެންޓް ވެސް އަންނާނީ އަދި ސަރުކާރަށް ފައިސާ ހޯދުމަށް ފަސޭހަވާނީ ވެސް އަދި ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމަށް ފަސޭހަވާނީ ހެޔޮވެރިކަމެއް ކޮށްގެން. ޝަރުއީ ނިޒާމު މިނިވަން މުއައްސަސާއެއް ގޮތުގައި އޮވެގެން، އަދި މަޖިލިސް ވެސް އަދި މިނިވަން މުއައްސަސާތައް ވެސް އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް އެއްއަހަރާ ބައިތެރޭގައި މިފެނުނީ އެމަންޒަރެއް ނޫންތޯ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއްގައި އިގްތިސާދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ކަމަށެވެ. އެ މަންޒަރު ރާއްޖެއިން މިހާރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް