48 ގަޑި އިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭތީ މިހާރު ދިވެހިން އަނބުރާ މަސްވެރިކަމާއި ދިމާ އަށް ދާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ރައްޔިތުންނާއި އެކު ޕޮޑްކާސްޓުގެ 4 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި، މަސްވެރިންނަށް ވި އެންމެ ބޮޑު އެއް ވައުދު ކަމަށްވާ، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދައްކާނެ ކަމަށް ވި ވައުދު މިހާރު ފުައްދަމުންދާ ކަަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް މެދު ނުކެނޑި ފައިސާ ލިބެމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ދިވެހި މަސްވެރިން ގިނަ ކުރުމަށް ކަމަށާއި އެ މަގްސަދު ހާސިލްކުރުމަށް މަސްވެރިންނަށް 48 ގަޑި އިރު ތެރޭގައި ފައިސާ ލިބެމުންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އައިސް ހޯދުމަށް ދިމާވި ދަތިކަމާއި އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މަސްވެރިން ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް މަސްވެރިންނަށް އެންމެ ބޮޑަށް އިހުމާލުވި ސަރުކާރެވެ. އަދި މަސްވެރިން ބުނަނީ މަސްވެރިންނަށް ހަމަ އަގަށް ފައިސާ ނުދެވޭ ކަމަށާއި، ޑޮލަރުން ވެސް ފައިސާ ނުދެވޭ ކަމަށެވެ. ރައީސްގެ ވައުދަކީ 48 ގަޑި އިރު ތެރޭގައި މަސްވެރިންނަށް ޑޮލަރުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމެވެ. ނަމަވެސް އެކަން މިހާރު ރައީސް އާއި ސަރުކާރުން ދަނީ އޮޅުވާލައްވަމުންނެވެ.