އއ. މާޅޮހު މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ނަމަ ތާރު ނާޅާ، ގައު ވެސް ނުއަތުރާ ގޮތައް ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު މާޅޮހަށް ބުދަ ދުވަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ގައި ވަނީ ސޮއި ކޮށްފައެވެ.
"އަޅުގަނޑުމެން ކުރިއަށް ގެންދާނީ، ތިޔަބޭފުޅުން ބޭނުންވާ ގޮތަށް. ރަށުގެ ރައްޔިތުން ބޭނުން ވަނީ، ތާރުނާޅައި، އަދި ގާ ނާތުރައި، ވެލިމަގުތައް އޮންނަގޮތަށް، ވެލިމަގުގައި ފެން ހިނދޭ ނިޒާމު ޤާއިމުކޮށްގެން، އެގޮތަށް ކަމުގައިވަންޏާ، އަޅުގަނޑުމެން ގެންދާނީ އެ ކޮންސެޕްޓްގައި." ރައީސް ވިދާޅުވިއެވެ.
މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު އއ. މާޅޮހު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ "މިހާތަނަށް އައިއިރުގައި، ހުއްޓިފައި ހުރި މަޝްރޫޢުތަކެއް އެބަހުރި. އަދި އަޅުގަނޑުމެން ފަށަން ނިންމާފައި ހުރި މަޝްރޫޢުތައް،" އެބަހުރި ކަމަށެވެ.
އޭގެ އިތުރުން ރިޔާސީ އިންތިޚާބުގައި، އަދި ފަހުން ވެފައިހުރި ވަޢުދުތައް ފުއްދުމުގެ މަޝްރޫޢުތައް ހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މާޅޮހުގައި ހުރި ގިނަ މަސައްކަތްތައް ހުއްޓިފައި ހުރިކަން ރައީސް ގެ ވާހަކަފުޅުން ފާހަގަ ވި އިރު، ސްކޫލްގެ މަޝްރޫޢު ކުރިއަށް ގެންގޮސްދިނުން ރައްޔިތުން އެދޭކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، "މި މަޝްރޫޢު ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވަނީ ވެނިމިފައި،" ކަމަށެވެ.
ސްކޫލް އިމާރާތް ކުރަން މަގު ހަދާ ކުންފުނި - އާރު.ޑީ.ސީ.ގެ ފަރާތުން ފެށުމަށް ހުރިހާ ކަމެއް ހަމަޖައްސައި، މީހުން ނަގައި، އަދި ތަކެތި ހޯދާ، ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ހެދުމަށް ނިންމާފައިވާ، ހަތަރު ކްލާސްރޫމްގެ އިތުރަށްވެސް، އިތުރު ކްލާސްރޫމް، ވީ އެންމެ ގިނަ އަދަދަކަށް ހިމަނައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއު މި މަހުގެ ތެރޭގައި ޢަމަލީގޮތުން ފަށައި، ދެން ނުހުއްޓި، ބާރު ސްޕީޑްގައި ގެންގޮސް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ޞިއްޙީ މަރުކަޒު ގެ މަޝްރޫއު ވަރަށް އަވަހަށް ފަަށަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ވަކި ބަޔަކު ފާހަގަ ނުކުރައްވާ ރައީސް ވިދާޅުވީ މި އަހަރު ތެރޭގައި، ބަޔަކާ ހަވާލުކޮށް ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށްޓަކައި، މުޅިން އާ އިމާރާތެއްގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
މާޅޮހުގައި ހަދަން ފަށާފައިވާ ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ. އެކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، "މިހާރު އާރު.ޑީ.ސީ.ގެ ފަރާތުން ޓަރފްގެ މަސައްކަތާއި، އަދި ފެންސާއި، ލައިޓްޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި، އެންމެ ލަސްވެގެން، މި މަހުގެ ތެރޭގައި ފެށުން،" އެއީ އަމާޒު ކަމުގައެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާ ބެހޭ ގޮތުން ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި މި މަޝްރޫއު ނެތް ކަމަށާއި އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން މި މަޝްރޫއު ކުރިއަށް ގެންދާއިރު ގެސްޓް ބީޗްތަކެއް ހިމެނޭގޮތަށް، މިހާރު ޖާގައޮތް އެންމެ ބޮޑު މިނަކަށް، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބީޗްވެސް ހިމެނޭގޮތަށް، މަޝްރޫޢެއް ޑިޒައިންކޮށް ފަށާނެ ކަމަށެވެ. މި މަޝްރޫއު އަންނަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކީގައި، ކުޅިވަރުގެ އެހެނިހެން ދާއިރާތަކުން ވެސް މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މި ރަށުގައި ހޭންޑްބޯލް ކޯޓެއް އެޅުމަށްވެސް އަޅުގަނޑުމެން ވާނީ ނިންމާފައި. އެހެންވީމާ، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، ހޭންޑްބޯލް ކޯޓެއްވެސް ހެދުމަށް އަޅުގަނޑުމެން ގަސްދުކުރަން."
ރައީސް ވިދާޅުވީ، އާބާދީއަކަށް ބެލުމެއްނެތި، އާބާދީ ކިތަންމެ ކުޑަޔަސް، އަދި ކިތަންމެ ބޮޑަސް، ހުރިހާ ރަށެއްގެ ރައްޔިތުންނަކީ، ހަމަހަމަ ރައްޔިތުން ކަމަށެވެ.
"ހުރިހާ ޙައްޤެއް ހަމަހަމަ ރައްޔިތުން. ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ހުރިހާ ޚިދުމަތެއް ލިބެންޖެހޭނެ ރައްޔިތުން. އެހެންވީމާ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް ކަންތައްތައް ރާވަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، މި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، ކުރިއަށް ގެންދިޔުމަށް ނިންމާފައި މިވަނީ."
މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ރަންފަރުފަޅާ ބެހޭ ގޮތުން ވިދާޅުވީ، މިހާރު އެ ފަރަކީ ރަށުގެ ބައެއް ކަމަށާއި، ފަޅަކީ ރައްޔިތުންގެ ކުރިމަގަށްޓަކައި، އެމަނިކުފާނު ދެއްވި ފަޅެއް ކަމަށެވެ.
"އެހެންވީމާ، މިހާރު އެ ފަޅުގެ ބޭނުން ހިފުމަށްޓަކައި، ކައުންސިލުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި، ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދޮރު މިވަނީ ހުޅުވާލެވިފައި. އެ ފަޅަކީ މިހާރު ރަށުގެ ބައެއް. ރަށާ ހަވާލުކުރެވިފައި އޮތް ބައެއް އެއީ. ރަށުގެ ބޭނުންތަކަށް ފުރިހަމައަށް ބޭނުންކުރަންވީ." ރައީސް ވިދާޅުވިއެވެ.