ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ދައުވާ އުފުލި މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ސާލިޙް ވިދާޅުވެފައިވަނީ މިއީ އެމްޑީޕީއަށް އައު ކަމެއް ނޫން ކަމަށާއި އެފަދަ ކަމަކުން އެމްޑީޕީ ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެެވެ.
އަދި އެމްޑީޕީ އަބަދުވެސް މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް ކަމަށާއި އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށްވެސް ރައީސް ސާލިޙް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާ އުފުލީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އެވެ. ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެ ދައުވާ އުފުލާފައިވަނީ ރެހެންދި ޗެމްބާސް އިންނެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާ ކުރުމަށް ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގަނެފައިވާތީ ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
މިކަމާއި ގުޅިގެން އެމްޑީޕީން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެއެވެ.