ކ. މާލެ
|
16 އޭޕްރިލް 2025 | ބުދަ 19:34
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
7 ނޮވެމްބަރ 2024 ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ރާއްޖެ ކުޑަ ގައުމަކަށްވެގެން ނުގެނެވިފައި ހުރި ޕޭޕާލް ކަހަލަ ޚިދުމަތްތައް ރާއްޖެ ގެނައުން ކަމަށް

ރާއްޖޭގެ އިޤްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ. ރައްޔިތުން ނިކަމެތިވެއްޖެއެވެ. އަތްމަތި ދަތިވެއްޖެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން މާބޮޑު ފަރުވާލެއް އޮތް ހެނެއް ހިޔެއް ނުވެއެވެ. ރައްޔިތުންގެ އެއްވެސް ކަމާއި މެދު ވިސްނާ ފިކުރު ކުރާ ބަޔަކު އުޅޭ ތަނެއް ނުފެނެއެވެ. މިއަދު އަޑު އިވިގެންދިޔައީ ޓިކްޓޮކްއިން ޒުވާނުންނަށް ލާރި ލިބޭނެ ގޮތެއް ހޯދަން ސަރުކާރުން މަޝްވަރާކުރި ވާހަކައެވެ. މުޅިއަކުން މިކަމާއި ދެކޮޅަށް ވާހަކަދައްކަނީ އެއްވެސް ނޫނެއެވެ. މައްސަލައަކީ ރާއްޖޭގައި ބައެއް ފަރާތްތަކުން ޓިކްޓޮކް ބޭނުން ކުރަމުންދަނީ އެންމެ ރަނގަޅަށް ނޫންކަމެއެވެ. މުސްތަޤްބަލުގެ ޖެނެރޭޝަންއަށް ސަރުކާރުން ވިސްނަނީ ވަކިވަކި ކަންކަމުގައެވެ.

ކޮންމެއަކަސް ޓިކްޓޮކްއިން ކޮންޓެންޓް ކްރިއޭޓްކޮށްގެން ޒުވާނުންނަށް ފާއިސާ ލިބޭނެ ގޮތެއް ހޯދަން ސަރުކާރަކުން ނިކުންނައިރު، މިކޮންޓެންޓް ތަކުގެ ކޮލިޓީ ބެލެހެއްޓޭނެ ޤާބިލްކަން މިސަރުކާރުގެ ކިބައިގައި ނެތެއެވެ. ރަނގަޅަށް މިކަން ކުރާ މީހުންނަށް ކިތަންމެހާވެސް ރަނގަޅެއެވެ. މިހާރުވެސް މިއުޅެނީ މިވެރިންނާއި ދިމާލަށް އެއްޗެއް ބުނާމީހާ އެއީ ގޯސް މީހާކަމަށް ހަދައިގެންނެއެވެ. ބަޔާން ނަގަނީ އެވެ. ދައުވާ ކުރަނީ އެވެ. މިވެރިންނާއި ދެކޮޅަށް ޒުވާނުން ކޮންޓެންޓް ކްރިއޭޓްކޮށް، ޓިކްޓޮކްއަށް ކޮންޓެންޓް ލާން ފެށުމުން ދެން ކުރާނީ ކީއްހެއްޔެއެވެ. މިއީ ފުރަތަމަ މި ބޭން ކުރަން ވާހަކަދެއްކި ސަރުކާރެކެއެވެ. އެކަމާއި އޭރު ޒުވާނުން ވަރަށް ބޮޑަށް ފާޑުކިޔާ ހެދިއެވެ. އޭގެ ފަހުން ބުނަން ފެށީ އެއީ ދޮގެކެވެ. ވާން އުޅެނީ ކޮންކަމެއް ކަމެއް، ކުރަން އުޅެނީ ކޮންކަމެއް ކަމެއް މިސަރުކާރަކަށް ނޭނގެއެވެ. މިއަށްވުރެ ކްރިއޭޓިވް ޖީލެއް ބިނާ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުންނަން ވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އިގްތިޞާދީ ގޮތުން ގެނެވުނު އެއްވެސް ކުރިއެރުމެއް މިހާތަނަށް ފެންނާކަށް ނެތެއެވެ. ވަރު ދައްކާފައި ފެށި ބަންކަރިންގ ގެ ޙިދުމަތް ކޮބައިތޯއެވެ. އިންޓަރނޭޝަނަލް ބަންކަރިންގ ފަދަ މެރިޓައިމް ޚިދުމަތްތައް ރާއްޖޭގައި ކުރިން ފެށިފައި ނުވަނީ ކުރީ ސަރުކާރުތަކުގެ ވެރިންގެ ހިތްވަރާއި ކެރުންތެރިކަން ނެތުމުން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެފައިވާއިރު، އެހިތްވަރު ހުރެގެން މިމަޝްރޫއު ފެއްޓެވި ވަޒީރު އަދިވެސް ހުންނެވީ ހަމަ ވަޒީރު ކަމުގައެވެ. މިކަމުން ރައްޔިތުންނަށް ވީ ކޮން ފާއިދާއެއްތޯ އެއް ވިދާޅުވެ ބައްލަވާށެއެވެ. ބަންކަރިންގ ޚިދުމަތުން ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ކުރިއެރުންތަކެއް އަންނާނެކަމަށްވެސް ހަމަ ސައީދު ވިދާޅުވިއެވެ. މުޅިންވެސް ކަނޑަނީ ފޮންޏެއެވެ. ވާކަމެއް ހަރާމެއެވެ. ދެން އޮތީ އަނެއް ވާހަކައެވެ. ރާއްޖޭގެ އިގްތިޞާދު ތަންމިޔަނަށް ފުޅާކުރުމުގެ ގޮތުން ހުޅުވި މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ވާހަކައެވެ. 2024 ނޮވެމްބަރ 16 ވަނަ ދުވަހު އިފްތިތާހް ކުރި ޑިވެލޮޕްމެންޓް ބޭންކްގެ އަމަލީ މަސައްކަތްތައް އަދިވެސް ފަށައި ނުގަނެވެއެވެ.

ޑިވެލޮޕްމަންޓް ބޭންކުން ފޯކަސް ކުރާނެ ދާއިރާތަކުގެ ތެރޭގައި ހަކަތަ އާއި ކާބޯތަކެތީގެ ޔަގީންކަން އަދި އަގުތައް ހިފެއްޓުމާއި، ވަޒަންވެރިކަމާއި ބޯހިޔާވަހިކަމާއި، ތިމާވެށި ހިމާޔަތްކުރުން، ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އަދި ކަނޑުގެ މަންފާ އާއި ކަނޑާ ގުޅިފައިވާ އިގްތިޞާދީ ހަރަކާތް ހިމެނެއެވެ. މި ބޭންކު އުފެއްދީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީ އަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައެވެ. ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މިއިން އެއްވެސް ކަމެއް ވެއްޖެތޯއެވެ. ބަޔަކު ހައިރާންވެ އަންތަރީސް ނުވާނެތޯއެވެ. ރައްޔިތުން ގުނބޯ ހެއްދިއަސް މިއީ ބޮޑުވަރެއެވެ. ނަމަވެސް ސަނާ ކިޔާ މީހުން ސަނާ ކިޔަނީއެވެ. ރައްޔިތުންނަށް ކަމެއް ކޮށް ނުދެވުނަސް އެކަންވެސް ވަރިހަމަކޮށްލައިގެން ތިބޭ ބަޔަކުވެސް އެތިއްބެއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުންވާ ޓިކްޓޮކްގެ އިސް ވަފްދުގެ މެންބަރުންނާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިވަނީ ބައްދަލުކުރައްވާފައެވެ. ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުޞަތުތައް ފަހިވެގެން ދާނެކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވާއިރު ޕޭޕާލްއަށް ފައިސާ ޖަމާކޮށް ނެގޭނެ ޚިދުމަތް ރާއްޖޭގައި ފަށަންވެސް ވަނީ މަޝްވަރާކޮށްފައި ވެއެވެ. މިއަދު މިވާހަކަ ދެއްކިއިރު، 7 ނޮވެމްބަރ 2024 ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ރާއްޖެ ކުޑަ ގައުމަކަށްވެގެން ނުގެނެވިފައިހުރި ޕޭޕާލް ކަހަލަ ޚިދުމަތްތައް ރާއްޖެ ގެނައުން ކަމަށާއި ގޮންޖެހުންތައް ހުރިނަމަވެސް ސަރުކާރުން ދަނީ އެކަން ކުރަމުން ކަމަށެވެ. މިވާހަކަ މިހެން ދެއްކިތާ ފަސް މަސް ވެގެންދިޔަ އިރުވެސް މިކަމުގައި ކުރެވުނު އެއްވެސް މަސައްކަތެއްގެ އަޕްޑޭޓެއް މިނިސްޓަރ ސައީދު ހިއްސާކުރައްވާ ފައެއް ނުވެއެވެ.

ޤަބޫލުފުޅު ކުރައްވާށެއެވެ. ކޮންމެ ކަމެއްގައި ވެސް މިވެރިންގެ ކަމަކީ ދޮގު ހެދުމެއެވެ. ކުރެވޭ އެއްވެސް ކަމެއް ނެތެއެވެ. މިއަދުވެސް މިއޮތީ ވާހަކައެއް ދައްކާފައެވެ. ފުރިހަމަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަން ސައީދު ވިދާޅުވިއިރު އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

- ކޮމެންޓް