ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 14:29
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
މަގޭ ރިޕޯޓް
މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އެއްކޮށް ނުނިމެނީސް ރައީސް މުއިއްޒު އެއުޅުއްވަނީ އެތަން ހުޅުވާށެވެ. އެތަން ހުޅުވަން އުޅުއްވާއިރު އެމަނިކުފާނު ދައްކަވާ ވާހަކައިން ސިފަވަނީ އެއީ އެމަނިކުފާނުގެ ޕްރޮޖެކްޓެއް ކަމެވެ.

މަގުމަތިން ދިމާވި ޕީޕީއެމަށް މަރުދިން މީހެކެވެ. ގޮވާލާފައި ކައިރިއަށް އައިސް ފުރަތަމަވެސް ފެށީ، "މަވެސް މީ މިސަރުކާރު ގެންނަން ވަރަށް މަސައްކަތްކުރި މީހެކޭ" ބުނަމުންނެވެ. އެކަމަކު އެހެންބުނެ ނިންމާލީ މިއީ ދެން ބޮޑުވަރެކޭވެސް ބުނަމުންނެވެ.

ދަންނަ މީހެއް ނޫނެވެ. އެކަމަކު ބުނި އެއްޗަކުން ވީ ކީއްހޭ އަހާލައިފީމެވެ. ދެންވެސް އޭނާ ބުނީ މީހުން އެގޮވާ ޒާތުގެ އެއްޗެހި ރައީސް މުއިއްޒަށް ގޮވަނީ ގޮވާންވެގެންނޯލައެވެ. ނުގޮވާ ވަރެއް ނޫނޭވެސް ބުންޏެވެ. އަނެއްކާވެސް އަހާލައިފީމެވެ. ބޭބޭ ވީ ކީއްހެއްޔެވެ.

ވާހަކަ ފެށުނީ އެހާހިސާބުންނެވެ. ދެންވެސް ދުރުދުރުންނެވެ. އޭނާ ބުންޏެވެ. މީނަ ހީކުރަނީ ދިވެހި ހުރިހާ ރައްޔިތުންނަކީ މޮޔަ ހެއްދޭނޭ މީހުން ކަމަށެވެ. ތަނެއް ދޮރެއް ނުދަންނަ ބައެއްގެ ގޮތުގައެވެ. ކުޑައިކޮށް ލަސްވާތީ އަނެއްކާވެސް ސުވާލު ކޮށްލީމެވެ. ބޭބޭ ކިހިނެއް ވީ ހެއްޔެވެ. އެބޭ ބުނީ ދައްކާން ވާނީ މީހުނަށް ގަބޫލު ކުރެވޭ ޒާތުގެ ވާހަކަ ކަމަށާއި ކަންކަމުގެ މެޑަލް ޖަހަން އުޅުނަސް ކުޑައިކޮށް ބަލައިލަން ވާނެ ކަމަށެވެ. މިއޮށް ހަދާ އެއަރޕޯޓަކާ ގުޅޭގޮތުން އެހެރަ ދައްކާ ވާހަކައަކުން ލަދުން ބޯ ހަލާކު ކަމަށެވެ. މީހުންނާ ދިމާލަށް ކްރެޑިޓް ނަގަން ނޫޅޭށޭ ބުނެ މީނަ މިދައްކާ ވާހަކައަކުން ހީވަނީ ހުރިހާވެސް މީހަކީ މީނަ ކަމަށޭވެސް އެބޭ ބުންޏެވެ.

އެބޭ ބުނީ، އޭނާއަށް ހީވަނީ ސާޖިދާގެ ހެދުމެއް ފަހަން ހަވާލު ކުރާއިރު އޭގެ ފަސްބައި ޖަހަން ޖެހޭނެ ކަމާ ގޮށްލާން ހުރި ތަނެއްގައި ގޮށްލާ، ދަށުން ލާން ޖެހޭ އެއްޗެއްނަމަ އޭގެ ދަށުފަތި ޖަހާ ނިންމާ ނުލާ ގޮތައް ފަހަން ހަވާލު ކުރާނެ ހެއްޔޭއެވެ.

މާދުރުދުރުން ދާތީ އަނެއްކާވެސް ނުހުރެވިގެން ހީލާފައި ތިޔަބުނަނީ ކީކޭހޭ އަހާލީމެވެ. އޭނާ ބުނީ އެއްވެސް ބަޔަކު ކަމެއް ހަވާލު ކުރާއިރު އޭގެ ބައިކުޅަބައި ނިންމަން ނޫނީ މުޅި އެތި ނިމުނީމަ އޮންނާނެ ގޮތުގެ ޕްލޭނަކާ އެކު ނޫނީ ނުކުރާނެކަން ނޭނގޭ މީހަކު މިހާރަކު ނުހުންނާނެ ކަމަށެވެ. އެކަމަކު ގަޅި ހައްދަން އެއުޅެނީ އެހެންމީހުން ކަމަށެވެ.

ބުނަން އުޅޭ އެއްޗެއް ސާފުވީ އެހާ ހިސާބުންނެވެ. އެބޭގެ އަސްލު ވާހަކައަކީ ރައީސް މުއިއްޒު ވިދާޅުވި ވާހަކަ ފުޅެކެވެ. އެއަރޕޯޓް ނިންމުމުގެ ވިސްނުމެއްވެސް އަދި އެކަމުގެ ޕްލޭނެއްވެސް ކުރީގެ ސަރުކާރުތަކުން ނުކުރާކަމަށް ވިދާޅުވި ވިދާޅުވުމެވެ. އެސަރުކާރުތަކުން އޮތީ ހަމައެކަނި ސިމެންތި މަސައްކަތުން އެއަޕޯޓް ނިންމާލުން އެކަނިކަމަށް ރައީސް މުއިއްޒު ވިދާޅުވީމާ އެވާހަކައެވެ.

ހީނލާފައި އެހެންދޯއޭ ބުނެ ހިނގައިގަތީމެވެ. އެދިޔަ މަގުމަތީގައި ހިތަށް އެރިއެވެ. އެބޭ ބުންޏަސް އެއީ ހާދަހާވާ ބޮޑު ވާހަކައެކެވެ. ރައީސް މުއިއްޒެއް ކަމަކުވެސް ދައްކާން ވާނީ ދައްކާންވާ ވަރުގެ ވާހަކަތާއޭ ހިތާހިތާ ކިޔާލެވުނެވެ.

ރައީސް މުއިއްޒު ވިދާޅުވާގޮތުންނަމަ އެއަރޕޯޓަކީ އެމަނިކުފާނުގެ މަސައްކަތެވެ. ކުރީގެ ސަރުކާރުން ކުރި އެއްވެސް ކަމެއް ނެތެވެ. އެމީހުން ކްރެޑިޓް ނަގަން އެދައްކަނީ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކައެވެ.

އެކަމަކު ހަމަ އެންމެ ކަމަކަށް ވިސްނާލުމުން މަންޒަރު ވަރަށް ސާފެވެ. އެއަކަށް އިތުރަކަށް ދައްކާނޭ ވާހަކައެއް ނެތެވެ. ފުރަތަމަ ކަމަކީ އެކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ. އެކަމަށް ފަންޑުވެސް ހޯދިއެވެ. އާދައިގެ ގެއެއް އެޅިއަސް އެގެ ނިމުނީމާ ހުންނާނެ ގޮތާއި، އެގޭގެ ކުރެހުން ފާސްކޮށް އެއަށް ބީއޯކިއު ހަދާ އެއަށްދާވަރު އަންދާޒާކޮށްފައި އެކަން ކުރެވޭނެ ޕްލޭންތަކާއި މަރުހަލާތައް ކަނޑައަޅާފައި ނޫނީ ނުފަށާނެ ކަމެވެ. ދެން އޮންނާނީ އެކަމަށް ބޭނުންވާ ފައިސާ ނުލިބިގެން މަޑު ޖެހުމާއި މަސައްކަތް ކުރަމުންދާއިރު ގެންނާން ޖެހޭ ބަދަލުތަކަށް ހިނގާ ޚަރަދުގެ ބޮޑުކުޑަމިނެވެ. އެބީދައިން ވެލާނާ އެއަރޕޯޓްވިއަސް އަދި އެހެންތަނެއްވިއަސް އެއިރެއްގައި އޮންނަ ސަރުކާރަކުން ނުވަތަ ވެރިއަކު އެކަން އެވަރަށް ޕްލޭން ނުކޮށް ނުކުރާނެކަމީ ޔަގީން ކަމެކެވެ. އެއީ ޔާމީނުވިއަސް އަދި އިބޫ ވިއަސް ނޫންނަމަ މުއިއްޒުވިއަސްމެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި ފެށިއިރުވެސް އޭގެ ކުރެހުންތަކާ ނިމުނީމާ ހުންނާނެ ގޮތާ ދެވޭނޭ ޚިދުމަތްތަކާ އަންނާނޭ ބަދަލުތައް ނުކޮށް ހުންނާނޭ ކަމަށް މުއިއްޒު ވިދާޅުވާނަމަ އެއީ ބޮޑު ޖޯކެކެވެ. އެކަން ފެށީ ފަންޑު ލިބިގެންނެވެ. މަސައްކަތުގެ ވަކި ހިސާބަކުން ވެރިކަން ބަދަލުވީއެވެ. ދެން ވެރިކަމާ ހަވާލުވި ރައީސް އިބޫ ގެންނެވީ އޭގެ ބޭރަށް ފެންނަން ހުންނަ ގޮތަށް ގެނައި ބަދަލު ތަކެކެވެ. މުޅި މަޝްރޫއުގެ ސްކޯޕަކަށް ބަދަލެއް ނުގެނެވެ. އެތަނުން ޚިދުމަތްދެވޭނޭ ގޮތާ އެކަމަށް ގެންނާން ޖެހޭ ތަކެއްޗަކަށް ބަދަލެއް ނުގެނެއެވެ. މަސައްކަތުގެ ޓައިމްލައިނަށް ސީދާ އެއަރޕޯޓް ވެރިކަމުގެ ތެރޭގައި ނިންމަވާ ނުލެވި ވެރިކަން ބަދަލުވުންމުން އެއަރޕޯޓް ހެދުން ނަގުލުވީ ރައީސް މުއިއްޒަށެވެ. އޭރުވެސް ހުޅުވޭވަރުވާނޭ ކަމަށް ކުރީގެ ސަރުކަރުން ޖަހަމުން އައި ހިސާބާ އެއްގޮތައް މުއިއްޒާ ހަމައަށް އައިއިރު މުއިއްޒުގެ ޓާސްކަކަށްވީ ނުނިމިހުރި ކަންކަން ކޮށް ނިންމުމެވެ. މުޅި އެއަރޕޯޓަށް ބަދަލު ގެނެސްގެން އިތުރަށް ފައިސާ ހޯދައިގެން ކުރިން ކުރެވުނު ވަރަށްވުރެ ބޮޑު ކަމެއް ކުރެވޭވަރުގެ ވަގުތެއް އަދި މުއިއްޒަކަށް މި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައެއް ނުވެއެވެ. އަދި މުއިއްޒުގެ ސްޕީޑާ ކަންކުރުމުގައި ދައްކާ ވާހަކައާ ނުމިޔަ ނުދިރި އޮތް އިގްތިސޯދުގެ ސަބަބުން އެވަރުގެ ގާބިލްކަމެއްވެސް މިސަރުކާރަކު ނެތެވެ. އެހެންކަމުން ހަގީގަތަކީ ކުރިންވެސް އޮތް ހަގީގަތެވެ. ވެރިކަން ބަދަލުވިއިރު އެއަރޕޯޓުގެ އައު ޓާމިނަލްގެ 71 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވިއިރު، ބެގެޖް ހެންޑްލިންގ ސިސްޓަމް ފިޔަވައި އެހެން ހުރިހާ މަސައްކަތެއްގެ ބޮޑުބައި ވަނީ ނިމިފައެވެ.

އައު ޓާމިނަލްގެ ކޮންކްރީޓް %100 އޮތީ ނިމިފައެވެ. ސްޓީލް ސްޓްރަކްޗަރ %97 ނިމިފައިވާ އިރު، ބްލޮކް ވޯލް %60 ވަނީ ނިމިފައެވެ. ފަސާޑް %89 ނިމިފައި، ރޫފް %100 ނިމިފައި، އެމް.އީ.ޕީ %45 ނިމިފައި، އައި.ސީ.ޓީ އަދި އީ.އެލް.ވީ %32 ނިމިފައި، އެޗް.ވީ.ޓީ.އެސް %90 ނިމިފައި، އޭ.ވީ.ޑީ.ޖީ.އެސް %97 ނިމިފައި އަދި ޕީ.ބީ.ބީ %99 ނިމިފައެވެ. ޖުމްލަ 71 އިންސައްތަ އޮތީ ނިމިފައެވެ.

ކޮންމެއަކަސް ދެން ނުނިމިހުރި ކަންކަން ނިންމައި އެއަރޕޯޓް ހުޅުވަންވީއިރު ވެރިކަމުގައި ތިޔަ ހުންނެވީ ރައީސް މުއިއްޒެވެ. އޭގެ ކްރެޑިޓް ނަންގަވަންޏާ ނަންގަވަންވީއެވެ. ހަވާ އަރުވާފައި މުޅި އިސްކޮޅު ދެއްކޭވަރަށް ޑްރޯން އަރުވައިގެން ރިބަންފަން ކަނޑާލަންވީއެވެ. ތިމާއެޅިތަނެކޭ މިއީ އެހެންބައެއްގެ ކަމެއް ނޫނޭ މަށާ މަގޭ ދުރުވިސްނުމޭ، އަހަރެންގެ ކުޅަދާނަ މޭސްތިރިކަމޭ، މަގޭ ހުނަރާ މަގޭ ގާބިލްކަމޭ ބުނެ ކިތައްމެ ވަރަކަށް ގޮވާ ނެގިއަސް ތިޔަތަނުގެ ތާރީޚް އޮތީ ލިޔެވި ނިމފައެވެ. ގާތުގައި ތިޔަ ގެންގުޅޭ ކުދިންކޮޅު ކިތަންމެ ބާރަށް ތިޔަ ލަވަޔަށް އަތްޖެހިއަސް އެވެރިން އެޖަހާ އަތްތިލަބަޑިވެސް ވާނީ ހީނހީފައި ކުރާ މަލާމާތަކަށެވެ. މުޅިތަން ނަގާ އެއްލާލާފައި ނާޅާހާ ހިނދަކު ޔާމީން އެޅި ބިންގަލުގެ މަތީގައި އިބޫގެ ދައުރުގައިވެސް އެކުރި މަސައްކަތް ތިޔަށް ނުހިމަނާ މިއީ ސީދާ މަގޭ ޕްރޮޖެކްޓެކޭ ބުނެ ތިޔަ ކަނޑާ ފޮނި ކެނޑިކެނޑިހެން ވާނީ އިތުރަށް ފަޟީހަތެވެ. ފޮށާ ނެގިވަރަކަށް ހާމަވާތަން ބޮޑުވާހެންނެވެ. އެކަމަކު ތިޔަ ކަމުގެ ހަގީގަތް ނޭނގޭ އަދި އެހަގީގަތް ގަބޫލު ނުކުރާނެ މީހަކު މި އުޑު ބަޅުކުރި ހިސާބުގައި ބޮލެއް މައްޗަށް ހުރި އެކަކުވެސް ނުހުންނާނެއެވެ. މަވާ ސަލާމެވެ.

- ކޮމެންޓް