އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ދައުވާ އުފުލައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާ އުފުލީ ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އެވެ. ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެ ދައުވާ އުފުލާފައިވަނީ ރެހެންދި ޗެމްބާސް އިންނެވެ.
އެ ލޯ ފާމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އިން މާރޗް މަހުގެ ތެރޭގައި މާލޭގައި ބާއްވަމުން ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެ ޕާޓީގެ އެކްޓިވިސްޓެއްކަމުގައިވާ މަރިޔަމް ޒުބައިރު (މަންދި) ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު އަށް ނިސްބަތްކޮށް ދައްކާވާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި، އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އަދި އުމައިރުގެ މަންމަ، ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ފަރާތްޕުޅުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލު އާއި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާ ކުރުމަށް ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގަނެފައިވާތީ ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާތީ ފެމިލީ ކޯޓަށް ވެސް ދައުވާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ މި މައްސަލަތައް ހުށަހެޅިފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައިނުގަނެވޭނެކަން ކަށަވަރުކޮށް، އެކުދިންގެ ތައުލީމާއި މުސްތަގުބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަ ކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގަ އެވެ.
އަދި މިއަދު އެ މަގާމުގައި ތިއްބެވި ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނޭ އެހެންކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ ދެކެވަޑައިގަންނަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ދައުވާގެ ލިޔުންތައް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.