އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ ކެޕޭސިޓީ ހުރި ނަމަވެސް އެންސްޕާ ހިންގުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ޖަލްސާގައި މެންބަރު ޒިޔާދު ވިދާޅުވީ ޒިންމާތައް ބޭފުޅުންނާ ހަވާލުކުރަމުންދާއިރު، އެޒިންމާތައް ފުރިހަމައަށް އަދާކުރޭތޯ ނުވަތަ ނުކުރޭތޯ ބެލުމުގެ ޒިންމާ ގާނޫނު އަސާސީން މަޖިލީހަށް މަތިކޮށްފައިވާ ކަމަށެވެ.
އެންސްޕާއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މަތިމަތިން ޒިންމާތައް އެންސްޕާގެ ސީއީއޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ނަގަމުންދާ ތެރަޕީއަށް ބޭނުންވާ ފައިސާ ދިނުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށާއި، އެ ލަސްވުމުގެ ނަތީޖާ ގޯސް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭގެ ބުރަ ރައްޔިތުން އުފުލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާއަކީ އެއް އަހަރަށް ބަޖެޓުން ހަމަޖެހިފައިވާ ފައިސާއެއް ކަމަށާއި، ނަމަވެސް ތިން މަސް ވެގެންދާއިރު، ފައިސާ ނުދެވުން އެއީ މައްސަލައެއް ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން، މަޝްރޫއުތަކަށް ނުވަތަ އެހެންވެސް ބިލްތަކަށް ތިން މަހުން ފައިސާ ދޫކުރާ އުސޫލުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފައިސާ ދޫކުރާނަމަ އެ މީހުންނަށް ތެރަޕީ ނުނެގި ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ. އަދި މިއަށް ވުރެ ޒިންމާދުވުމަށް މެންބަރު ޒިޔާދު ގޮވާލެއްވިއެވެ.
މިހާރު އެންސްޕާގެ ސީއީއޯއަށް ވަނީ ވަރަށް ގިނަ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައި. އޭގެ ތެރެއިން ދެ މަސްއޫލިއްޔަތެއް ވަރަށް ރަނގަޅަށް އެބަ ގެންދަވާ. ތަރުޖަމާނު. ސަރުކާރުގެ ތަރުޖަމާނެއްގެ ގޮތުގައި ވަރަށް ރަނގަޅަށް އެމަސައްކަތްފުޅު ކުރައްވަމުން އެބަ ގެންދަވާ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ރިޕޯޓަރަކަށް ރައީސުލްޖުމްހޫރިއްޔާ ނުދައްކާ އެއްއަހަރު ގެންގުޅެވޭނީ ހުނަރެއް ގައިމު ހުރެގެން. އެހެންވީމަ އެކަން ވަރަށް ރަނގަޅަށް އެބަ ކުރައްވާ. ދެވަނަ ކަމަކަށް ޕީއެންސީގެ ސައިބަރ ފްލީޓް. ވަރަށް ވަރުގަދަ ފްލީޓެއް އިއްޒަތްތެރި ރައީސް މިވަގުތު. ދޮގު ތެދަށް ލޮނު ފެނަށް ހަދާލުމުގެ ގާބިލުކަން މިފްލީޓުގައި އެބަހުރި، ބުނެލަން މިއުޅޭ ވާހަކައަކީ ސީއީއޯގައި އެބަހުއްޓޭ އެ ކެޕޭސިޓީ. އެހެންނަމަވެސް އެންސްޕާ ހިންގުމުގައި މިކަމުގައި މިއޮތީ އިހުމާލުވެފައޭ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު![]()
މެންބަރު ޒިޔާދު ވިދާޅުވީ އެންސްޕާއިން އިހުމާލުވަމުންދާ މައްސަލަ ބަލަންޖެހޭ ކަމަށާއި، ރާއްޖޭގައި އަދިވެސް ރިޓަޔާޑް ބޭފުޅުން ބައިވަރު އެބަ ތިއްބެވި ކަމަށެވެ. އެހެންކަމުން ޒިންމާ އުފުލޭވަރުގެ ބޭފުޅަކާ މަސައްކަތް ހަވާލުކުރަންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.
މަސައްކަތުގައި މަޖިލީހުގެ ސްޕީޑާއި، ސަރުކާރުގެ ސްޕީޑް ވަރަށް ތަފާތުކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މަސައްކަތުގައި މެންބަރުން ގުރުބާން ވަމުންދާއިރު، ސަރުކާރުގެ ސްޕީޑް އަވަސްކުރަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކުރަންޖެހޭ ކަމަށެވެ.