އެމެރިކާއާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކާ މެދު މާ ބޮޑު އުއްމީދެއް އަދި މާ ބޮޑު މާޔޫސްކަމެއް ވެސް ނެތް ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްއާ އޮމާންގައި ބައްދަލުކުރައްވައި، ތެހެރާނުން ސިފަކުރާ މަޝްވަރާތަކަކީ ނުސީދާ މަޝްވަރާތަކެއް ކަމަށް ބުނެފައެވެ. މި މަޝްވަރާތައް ބިނާކުރަނިވި ކަމަށް ދެ ފަރާތުން ވެސް ސިފަކޮށްފައިވާއިރު، ދެވަނަ ބުރު މިމަހުގެ 19 ވަނަ ދުވަހު މަސްކަޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އީރާނުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވީ މިހާތަނަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ވިދާޅުވީ ޔަގީނުން ވެސް އަނެއް ފަރާތާ މެދު ތިބީ ވަރަށް މާޔޫސްވެފައި ކަމަށެވެ. އެކަމަކު އަމިއްލަ ގާބިލުކަމާ މެދު އުއްމީދުކުރައްވާ ކަމަށާއި، އީރާނުގެ ނަސީބު މި މަޝްވަރާތަކުގެ ނަތީޖާއާ ގުޅިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އަސްކަރީ ގާބިލުކަން އެގައުމުގެ "ރަތް ރޮނގު" ތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި އެއީ މަޝްވަރާ ނުކުރެވޭ ވަރުގެ ގާބިލުކަމެއް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވެފައިވެއެވެ.
އޮމާންގެ ވެރިރަށުގައި މި މަޝްވަރާތައް ކުރިއަށް ގެންދަނީ އީރާނުން ދެކޮޅު ހަދައިފިނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ، ނިއުކްލިއާ މަޝްވަރާތައް އާ ކުރުމަށް ގޮވާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މާޗް މަހު ޚާމަނާއީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.
އީރާނުގެ ދައުލަތުގެ ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ވިދާޅުވާ ޚާމަނާއީ މީގެ ކުރިން ވަނީ ޓްރަމްޕްގެ އައުޓްރީޗަކީ އޮޅުވާލުމެއް ކަމަށް ވިދާޅުވެފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ އެމެރިކާއާ އެކު ކުރެވުނު މަޝްވަރާތަކަކީ "ބުއްދިވެރި އަދި އޮއްޓަރު ކހުރި މަޝްވަރާތަކެއް ނޫން" ކަމަށް ސިފަކުރައްވާފައެވެ.
މިދިޔަ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ގެންގުޅުއްވާ "މެކްސިމަމް ޕްރެޝަރު" ސިޔާސަތު އަލުން އިއާދަކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސް އެޅުމުގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީފައިވެ އެވެ.
އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން އީރާނުން ދޮގުކުރެއެވެ.