ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ޒިންމާ އޮތް މުއައްސަސާތަކުން އިހުމާލުވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެ މައްސަލަ ހުށަހެޅުއްވީ ހޯމަ ދުވަހުއެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން އަސާސީ ހައްގުތައް ލިބިދިނުމުގައި މީހެއްގެ ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅުދުންތެރިކަމަށް ބިނާކޮށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އިން މަނާކުރާ ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ އާއްމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފަވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ލިބެން ޖެހޭ ބަޔަކަށް އެހީވުމަށް، ނުވަތަ ރައްކާތެރިކަން ދިނުމަށް ކުރާ ކަންކަމަކީ ތަފާތުކުރުންކަމުގައި ނުބެލެވޭނެކަން އެ މަައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ޤާނޫނީ ނިޒާމެއް ދިވެހިރާއްޖޭގައި އެކުލަވާލާފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އެހެންނަމަވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިބި ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ޤާނޫނުތަކުން ލާޒިމްކުރާ ޚާއްސަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެްޝަން އެޖެންސީ، އެންސްޕާއިން އިހުމާލުވަމުންދާ ކަމަށް އެ މައްސަލައިގައިވެއެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާ ކުރަމުން ނުދާތީ އެ ކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ދައްކަން ޖެހޭ މައްސަލަ ވަނީ ފާހަގަކޮށްފައެވެ. އަދި ތެރަޕީ ކިއު ދިގު ވުމާއި، ތެރަޕީގެ އަގު ބޮޑުވުމުގެ އިތުރުން ފަރުވާ ބޭނުންވާ މީހުން ފަރުވާއިން މަހުރޫމްވުމުގެ ކަންބޮޑުވުން އެ މައްސަލައިގައި ހިއްސާކޮށްފައިވެއެވެ.
ހަމައެހެންމެ އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖެއިން ނުލިބުމަކީ ބޮޑު ތަކުލީފެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
ކުޑޫ ވަނީ އެފަދަ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ މީހުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށަށް ދާކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުންސިއްހީ، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް އެފަދަ ފަރާތްތަކާއި އެ އާއިލާތަކަށް ލިބޭ ކަމަށް އެ މައްސަލައިގައިވެއެވެ.
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ހޯދާދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ގޮވާލުމުގެ މަގްސަދުގައި ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.