Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 17:10
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ކެބިނެޓް މިނިސްޓަރުން
ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި
ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނޫއަސާސީއަށް އިސްލާހެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް މިހާރު ކަނޑައެޅިފައި ނުވޭ

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނޫއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ހުށަހެޅުއްވި ބިލުގައި ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވީއިރު، އެ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލިހުގެ ކޮންމެ މެންބަރަކުގެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރަންޖެހޭ ބަޔާނެއް އޮޑިޓަރ ޖެނެރަލް އަށް ހުށަހެޅުން ލާޒިމު ނަމަވެސް، ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތަެއް ނުވަތަ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާތީއާއި، އަދި، ވަޒީރުކަމުގެ ދައުރު ފަށާއިރު އެމީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަން އަދި އެމީހުންގެ މަސަލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރުން ލާޒިމުކުރުމެވެ.

ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު ބުނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެ ކަމަށެވެ.

މެންބަރު ކުޑޫ އިސްލާހު ހުށަހެޅުއްވި ގޮތް

  • 138 ވަނަ މާއްދާ
  • (ހ) ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މަުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.
  • (ށ) މި މާއްދާގެ (ހ) ގައި ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެމީހަކު ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
  • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ ބޭނުމަށް، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން ނުވަދިހަ (909 ދުވަހުގެ ތެރޭގައި އެ އަކުރުގައި ބަޔާންކުރާ މުދަލާއި ފައިސާގެ ބަޔާން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައްޔިތުންގެ މަޖިލީހަށާއި އޮޑީޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.
  • (ރ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ މުދަލާ ފައިސާގެ ބަޔާނަކީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.
  • (ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މުދަލާއި ފައިސާގެ ބަޔާން ހުށަނާޅައިފިނަމަ، މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއް މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެއެވެ.
  • (ޅ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަން ކުރެވޭ ކޮންމެ މީހަކު، އޭނާގެ މަގާމާ ހަވާލުވި އިރު، އޭނާ އަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، އެ މަގާމާ އޭނާ ހަވާލުވާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަންވާނެއެވެ.
  • (ކ) މި މާއްދާގެ (ހ) އަދި (ޅ) ގެ ދަށުން ހުށަހަޅާ ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ މުދަލާއި ފައިސާ ބަޔާން އޮޑީޓަރ ޖެނެރަލް އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

މީގެ އިތުރުން މެންބަރު ކުޑޫ ވަނީ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންވެސް ކުރިން ހުށަހެޅޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅުއްވަން ނިންމަވާފައެވެ.

- ކޮމެންޓް