ވެރިކަމަށް އައުމަށް ދެއްކި ވާހަކަތައް ވަރަށް ރީއްޗެވެ. އެހާމެ ފަށުއިވެފައި ބަލާޣާތްތެރިއެވެ. އެ ވީޑިއޯތަކުގެ މަންޒަރުތަކާއި ކުރަހައިގެން ދެއްކި ޕްރެސެންޓޭޝަން ތައްވެސް އެހާމެ ނަލައެވެ.
ސީދާ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ އެއްވެސް ހާސްކަމެއް ނެތްކަމަށެވެ. ފައިސާ ދޭނެ ފަރާތްތަކާއި މަޝްރޫއުތަކަށް އެހީދޭނެ ގައުމުތައް އޮތީ ހަމަ ޖެހިފައި ނިމިފައި ކަމަށެވެ. މަދުވަނީ އެންމެ ކަމެއް ކަމަށެވެ. ރައްޔިތުންގެ ނިންމުމުން އިންތިޚާބު ކާމިޔާބު ވުމެވެ. އޭރުން ހުރިހާކަމެއް އެނިމުނީކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބުވެ ބޯމަތިވި މަޖިލީސް އިންތިޚާބުގެ ކެމްޕޭނާ ކުރިމަތިލީ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅާއެވެ. އަނެއްކާވެސް ވިދާޅުވާންފެށީ ނުހަނު އަޑުއަހާ ހިތްވާފަދަ ވާހަކަ ތަކެކެވެ. ރައްޔިތުންގެ އުއްމީދުތަކަށް ދިރުން ގެނުވި ވާހަކަތަކެކެވެ. ކަންކަން ވާނޭ ކަމުގެ ޔަގީން ކަމުގެ ވާހަކައެވެ.
ވިދާޅުވަމުން ގެންދެވީ ފެހިސިގްނަލް ލިބިފައިވާ ވާހަކައެވެ. ފެހިސިގްނަލްތައް ލިބެމުންދާ ވާހަކައެވެ. ކަންކަން ކޮށްދޭނެ ކަމާއި ފައިސާ ދޭނެ ކަމުގެ ފެހިސިގްނަލް ގައުމުތަކުން ލިބިފައިވާ ކަމަށެވެ. މިފަހަރަށް ބޭނުންވަނީ އެންމެ ކަމެކެވެ. މަޖިލީހުގެ މެޖޯރިޓީ ކަމަށެވެ. އެމަޖިލިސް ނުލިބޭނަމަ ކަންކަން ނުވާނެ ކަމަށެވެ. އިދިކޮޅުން ހުރަސްއަޅާނެ ކަމަށެވެ.
އެކަންވެސް ނިމުނީ ބޭނުންވި ގޮތަށެވެ. މަޖިލިސް ހިތަކަށް ލިބުނީއެވެ. ކުރާނެ ކަމެއް ކުރާވަރުގެ ފާޓުފުޅާ ސުޕަރ މެޖޯރިޓީއެކެވެ. އިދިކޮޅަށް ދެކޮޅު ހެދުމުގެ ނިޔަތުގައި ކުޑަވައި އިނގިލިވިސް ހިއްލާ ނުލެވޭވަރަށެވެ.
މިފަހަރުވެސް ރައްޔިތުން މިތިބީ ހެވި ދިލިގެންނެވެ. އުއްމީދުގައެވެ. ފެހި ސިގްނަލްގެ ބޮކި ބަލާށެވެ.
އަހަރުވީއެވެ. އަނެއް އަހަރުގެ މެދަކާ ކައިރިވަނީއެވެ. އަދިވެސް ހައްދަވައިގެން ކަމެއް ކުރާތީއެއް ނުފެނެވެ. ކުރާން އުޅޭ ތަނެއް ކީއްކުރާން ހެއްޔެވެ. އޭގެ ޚިޔާލާތެއްވެސް ހުރިކަމަކަށް ނުފެނެވެ. ވަރުވަރުން ސިޔާސީ މަގާމްތައް އިތުރުވެ މިނިސްޓްރީތަކަށް ނުކަތައިގެން ބޭރުގައިވެސް ގޮނޑިމޭޒު ޖަހަން ޖެހިއްޖެއެވެ. އެއިން މީހަކު ކުރާނެ މަސައްކަތެއް ނެތެވެ. މުސާރައާއި އިނާޔަތަށް މިދިޔަ އަހަރަށްވުރެ ހެޔޮވަރުގެ 400 މިލިއަން ރުފިޔާ އިތުރުވުން ނޫންކަމެއް ނުވިއެވެ. ރިޒާވް ވެސް ދަނީ ދަށަށަށެވެ. ވިދާލުވިގޮތައް މާރުކުރިކަމަށް ބުނާ 150މިލިއަން ޑޮލަރުގެ ހެޔޮ ރަހައެއް ރައްޔިތަކު ކަރަކު ނުލިއެވެ. ވާ ޖަހާ ހިފަހައްޓައިގެން ތިބި ޑޮލަރުގެ އަގުވެސް ހުރީ ދިމާ މައްޗަށެވެ. ދަމަދަމާވެސް ތިރިވާގޮތެއް ނުވިއެވެ. ގޮނޑިއަކަށް އަރައިގެންވެސް އަތް ނުފޯރާވަރަށް ތަކެތީގެ އަގުވެސް ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ.
ރައްޔިތުން އަހާން ފަށައިފިއެވެ. ފެހި ސިގްނަލްތައް ކޮބައި ހެއްޔެވެ. ދިއްލުނު ބޮކިތަކަށް ވީ ކީއްހެއްޔެވެ. އެހެން ކުލައަކަށް ބަދަލެއް ނުވެއެވެ. ނުވިތާކަށް އެބޮކިތައް ނުނިވި ދިއްލިފައެއް ވެސް ނެތެވެ.
ޖަވާބު ދެއްވި އެއް ވަޒީރަކީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މުއްތަލިބު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އެކީހެން ހޭދަވަނީ ރިކަރަންޓު ހަރަދުތަކަށް ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫން ގޮތެއް މި ސަރުކާރަށް ނެތް ކަމަށެވެ.
"އާމްދަނީއަށްވުރެ އިތުރަށް އަޅުގަނޑުމެން ރިކަރަންޓު ހަރަދުކުރަންޖެހެއޭ. އެހެންވީމަ މިފަދަ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން މި ޖެހެނީ އަބަދުވެސް ކޮންމެވެސް ތާކުން ލޯނެއް ހޯދަން. އެއީ ރާއްޖެ އެތެރެއިން ބޮންޑު ވިއްކައިގެން ނެގި ކަމުގައިވިޔަސް ރާއްޖެއިން ބޭރުން ލޯނު ނެގިކަމުގައިވީ ނަމަވެސް،" މުއްތަލިބު ވިދާޅުވި އެވެ.
ފެހިސިގްނަލްގެ ވާހަކަ ހުއްޓުނީއެވެ. މުޅި ރާގު ބަދަލުވީއެވެ. ބޮކިތައް އެނދީއެވެ. ހަތަރެސްކަން ހަމެވެ ގޮތްހުސްވީމާ ދެންވެސް އެޖެހީ ރައްޔިތުންގެ ބޮލަށެވެ.
"އެކަންކަން ރައްޔިތުން ގަބޫލުކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. ހަގީގަތުގަ އަޅުގަނޑުމެންނަށް މަޝްރޫއެއް ހިންގަން ބޭނުންވާއިރުގަ ގޮސްފަ ބޭނުންވާ ވަގުތަކު ލޯނު ނަގައިގެން ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެވަރަކަށް ލޯނެއް ނުލިބޭ،" މުއްތަލިބު ވިދާޅުވި އެވެ.
ހައިރާންވެ އަންތަރީސް ނުވާނެ ހެއްޔެވެ. ކުރިން ދެއްކި ވާހަކައަށް ތިޔަވީ ކިހިނެއް ހެއްޔެވެ. ފައިސާ ދޭންތިބި މީހުން ފެއަށް ޖެހުނީ ހެއްޔެވެ. ސިގްނަލްތަކުގެ ބޮކިތައް އެނދީ ހެއްޔެވެ. އެކަމަކުވެސް ހެވެ. އިތުރު ޗިޕެއް ރައްޔިތުން ބޮލަށް ޖަހަން ނޫޅޭށެވެ. ނާގާބިލް ވުމުން ކަމެއް ނުވުން އެއީ ރައްޔިތުންގެ މައްސަލައެއް ނޫނެވެ. ކަންކުރާގޮތުން މުޅި ދުނިޔެ ނޫނެކޭބުނެ ފެއަށް ޖެހުން އެއީ ރައްޔިތުންގެ ކުށެއްވެސް ނުމެ ނޫންމެއެވެ.