ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތާ، ސަރުކާރުގެ ސިޔާސަތު ތަފާތު ކަމަށާއި، އެކަން ގައުމުން ފެންނަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ''ޓީވީޓޯކް'' ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ތަފާތު ތިން ސިޔާސަތެއް ފެންނަމުންދާ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ސިޔާސަތުގެ އިތުރުން، ސަރުކާރުގެ ސިޔާސަތާއި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ސިޔާސަތު ކަމަށެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ސަރުކާރާއި، ރައީސް މުއިއްޒުއަކީ ތަފާތު ދެ އެއްޗެއް ކަމަށާއި، ސަރުކާރަށް ނުވާ ކަންކަން ރައީސް މުއިއްޒު ކޮށްދެއްވާނެ ކަމަށް އިއުލާން ކުރައްވާނެ ކަމަށެވެ.
އެގޮތުން މިފަހުން ހިނގާދިޔަ ދެކަމަކަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ޓެލެސީމީއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތަކާއި، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް ޓެލެސީމިއާގެ ޕޭޝަންޓުންނާއި، ބެލެނިވެރިން މުޒާހަރާއަށް ނުކުތުމާ ހަމައަށް ރައީސް މުއިއްޒަށް އެކަން އެނގިވަޑައިނުގެންނެވި ކަމަށާއި، މިހާރު ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. އަދި ހަމައެގޮތަށް ލޯން ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރާ ފައިސާގެ މައްސަލަ ސަރުކާރަށް ހައްލު ނުވުމުން ރައީސް މުއިއްޒު އެކަން ކޮށްދެއްވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ އަކީ މިއަދި ދެއެއްޗެއް. އެހެން މިދަންނަވަނީ މި ޓެލެސީމިއާ ކުދިންގެ ކަންތަކުގައި އަޅުގަނޑުމެން ޕެޓިޝަން ވެސް އެތަނަށް ހުށަހެޅިން. މަޖިލީހަށް. އެކަމާ ވާހަކަ ދައްކާ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައިން. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގެންފައި ވިދާޅުވީ ދެން މިހާރު ސަރުކާރުން މިކަން ނުކުރިތާއޭ. ދެން ތިމަންނަ ތިކަން ހައްލު ކޮށްދޭނަމޭ. ދާދިފަހުން އިނގިރޭސިވިލާތަށް ވަޑައިގެން ލިވަރޕޫލަށް ކޮންމެވެސް ނިމިފައި އޮތް ރަސްމިއްޔާތަކަށް ވަޑައިގެން ވެސް ވިދާޅުވީ ސަރުކާރަކުން މިކިޔަވާ ކުދިންގެ ފައިސާ ހައްލެއް ނުކޮށްދިނޭ. ދެން މިތަމަންނަ ކޮށްދޭނަމޭ. އެހެންވީމަ އަޅުގަނޑު ކުޑަކޮށް ކަންބޮޑުވުން އެބައޮތް މިހާރު ބަޖެޓުގައިވެސް. ސަރުކާރުން ނުވެ ހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައި.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު![]()
މެންބަރު ޒިޔާދު ވިދާޅުވީ ދައުލަތުގެ ބަޖެޓު ހިންގާނީ ސަރުކާރުންތޯ ނުވަތަ ރައީސް މުއިއްޒުތޯ ސުވާލު އުފެދޭ ކަމަށެވެ.
މި ސަރުކާރުން ބަޖެޓު ފާސްކޮށްފައިވަނީ ބަޖެޓުން ވާނުވާ ނޭނގޭ ގޮތަށް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ބޮޑު އަދަދެއް ޖެހުމަށްފަހު ތަފްސީލުތައް ފެންނަން ނެތުމުން ބަޖެޓު ކޮންމެ ގޮތަކަށް ބޭނުންކުރި ނަމަވެސް ހަގީގަތް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.