ކ. މާލެ
|
12 އޭޕްރިލް 2025 | ހޮނިހިރު 19:28
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ކުލަބު ވާރލްޑް ކަޕް ބާއްވާ އެމެރިކާގެ ބައެއް ސިޓީތަކަށް ވަނީ ޒިޔާރަތްކުރައްވާފައި
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ކުލަބު ވާރލްޑް ކަޕް ބާއްވާ އެމެރިކާގެ ބައެއް ސިޓީތަކަށް ވަނީ ޒިޔާރަތްކުރައްވާފައި
ޑެއިލީ ސަބާ
ކުލަބް ވާރލްޑް ކަޕް
ކުލަބު ވާރލްޑް ކަޕް މުބާރާތް ބާއްވާ ބައެއް ސިޓީތަކަށް އިންފަންޓީނޯ ޒިޔާރަތްކުރައްވައިފި
32 ޓީމަށް ފުރުސަތު ހުޅުވާލައިގެން ކުލަބު ވާރލްޑް ކަޕް ބޭއްވޭ މިއީ ފުރަތަމަ އަހަރު، މި މުބާރާތުގެ ކުޅުން ފެށޭނީ ޖޫން މަހުގެ 14 ވަނަ ދުވަހު އަދި ކުލަބު ވާރލްޑް ކަޕް ނިމިގެންދާނީ ޖުލައި މަހުގެ13 ވަނަ ދުވަހު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުލަބު ވާރލްޑް ކަޕް ބާއްވާ އެމެރިކާގެ ބައެއް ސިޓީތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އައު ފޯމެޓާއެކު މި އަހަރު ބާއްވާ މުބާރާތުގައި 32 ޓީމު ވާދަކުރާއިރު، މި މުބާރާތުގައި ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅެތި ޓީމުތަކެވެ. އައު ފޯމެޓާއެކު ބާއްވާ ކުލަބް ވާރލްޑް ކަޕް، ހަ ޤައުމަކަށް ބާއްވާ ވޯލްޑް ކަޕާ އެއްވަރަށް ފޯރި ގަދަވާނެ ކަމަށް ފީފާއިން ބުނެއެވެ.

މުބާރާތްފެށުމުގެ ކުރިން ކުލަބު ވާރލްޑް ކަޕު ޒބޭއްވުމަށް ހަމަޖެހިފައިވާ 11 ސިޓީ ބައްލަވާލެއްވުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވާފައިވާއިރު، މިދަތުރުފުޅުގެ ތެރެއިން ހުކުރުދުވަހު އިންފަންޓީނޯ ޒިޔާރަތްކުރައްވާފައިވަނީ އެމެރިކާގެ ސިންސިނާޓީއަށެވެ.

މިޒިޔާރަތުގައި އިންފަންޓީނޯ ވަނީ އެމްއެސްއެލްގެ ކުލަބެއްކަމަށްވާ އެފްސީ ސިންސިނާޓީއާ ބައްދަލުކުރައްވާ، އެކުލަބުގެ ޓީކިއުއެލް ސްޓޭޑިއަމް ބައްލަވާލައްވާފައެވެ. މި ސްޓޭޑިއަމުގައި ކުލަބު ވޯލްޑުކަޕުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ޖޫންމަހުގެ 15ވަނަ ދުވަހު ބަޔާން މިއުނިކާއި އޯކްލޭންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެމެޗުވެސް ފެނިގެންދާނީ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމުންނެވެ. މިއީ 2021 ވަނަ އަހަރު ހުޅުވުނު ސްޓޭޑިމަކެވެ.

މީގެ އިތުރުން އިންފަންޓީނޯ ވަނީ މިދަތުރުފުޅުގެ ތެރެއިން އޯހައިއޯއަށްވެސް ޒިޔާރަތްކުރައްވާފައެވެ. އެސިޓީން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސިޓީގެ މޭޔަރު އާފްތާބު ޕުރަވޭލްއާއި އެފްސީސީގެ ވެރިޔާ ކާރލް ލިންޑްނާރގެ އިތުރުން އެފްސީސީގެ ރައީސް ޖެފް ބާރޑިންގއެވެ.

ފީފާ ކުލަބު ވާރލްޑް ކަޕް ބާއްވާ ސިޓީތަކުގެ ތެރެއިން އެޓްލާންޓާ، ޕެސެޑީނާ، ޝާރލޮޓް، ނޭޝްވިލް، އޯލަންޑޯ، ފިލަޑެލްފިއާގެ އިތުރުން ސިއޭޓްލް، މަޔާމީ އަދި ވޮޝިގންޓަން ޑީސީއަށްވެސް އިންފަންޓީނޯވަނީ މީގެ ކުރިން ޒިޔާރަތްކުރައްވާ އެސިޓީތަކުން މުބާރާތައްވަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.

ނޭޝްވިލުގައިވެސް މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު، އެސިޓީގެ ޖިއޯޑިސް ޕާރކަކީ އެމެރިކާގެ އެންމެ ބޮޑެތި ދަނޑުތަކުގެ ތެރެއިން އެއް ދަނޑެވެ. މި ދަނޑަކީ އެއްފަހަރާ 30،000 މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ދަނޑެކެވެ. މި ދަނޑުގައި ކުލަބު ވާރލްޑް ކަޕް ގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުކުޅުމަށްވަނީ ތާވަލުކޮށްފައެވެ.

32 ޓީމަށް ފުރުސަތު ހުޅުވާލައިގެން ކުލަބު ވާރލްޑް ކަޕު ބޭއްވޭ މިއީ ފުރަތަމަ އަހަރެވެ. މި މުބާރާތުގެ ކުޅުން ޖޫން މަހުގެ 14 ވަނަ ދުވަހު މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމުން ފެށިގެންދާއިރު، ކުލަބު ވާރލްޑް ކަޕް ނިމިގެންދާނީ ޖުލައި މަހުގެ13 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުންނެވެ.

2000 ވަނަ އަހަރު ވުޖޫދުވި މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބު ކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އަދި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މެންޗެސްޓަރ ސިޓީ އެވެ.

- ކޮމެންޓް