ކ. މާލެ
|
11 އޭޕްރިލް 2025 | ހުކުރު 11:22
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
އެމްއޭސީއެލް
ވެލަނަ އިންޓަރނޭޝަނަލް އެއަރޕޯޓް
ވީ.އައި.އޭގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ޓެކްސީވޭ ޗަރލީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ) އެވެ. 3200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އެގޮތުން ފްލައިޓް ޓަރން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެއެވެ.

މި މަސައްކަތް ފެށުމަށް ބުރާސްފަތި ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާރޖް ޑެފެއާޒް ހެ ފެން، އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީ.ޔޫ.ސީ.ޖީ ގެ ޗެއަރމަން ލީ ވެއިޑޮންގ އަދި އެމް.އޭ.ސީ.އެލް ގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ބީ.ޔޫ.ސީ.ޖީ އާއި އެމް.އޭ.ސީ.އެލް އެކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންދާތާ 10 އަހަރުވެފައިވާކަން ފާހަގަކުރައްވަމުން، އެކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަމަލީ މަސައްކަތް ފެށި ޓެކްސީވޭ-ޗާރލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާތަނެވެ. މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އިމަރޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވިއެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީ ވެއިޑޮންގ ވިދާޅުވީ އެމް.އޭ.ސީ.އެލްއާއި އެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ، އިތުބާރުބޮޑު ޕާޓްނަރޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީ.ޔޫ.ސީ.ޖީ ގެ ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، މި ޕްރޮޖެކްޓަށްވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޓެކްސީވޭ ޗަރލީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ 1981 ވަނައަހަރު ވައިޑް ބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްޤީ ކުރެވިފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް 2004 ގެ ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ޙާލަތަށް ގޮސްފައިވެއެވެ. އެތައް ދުވަހެއްގެ ޚިދުމަތަށްފަހު އަލުން ބިނާކުރެވިގެން މި ދަނީ ދިވެހި ޤައުމުގެ ތަރައްޤީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިއްމު ބިނާއެކެވެ.

- ކޮމެންޓް