ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 12:58
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވާހަކަދައްކަވަނީ
އިމިގްރޭޝަން
ޝައްމާން ބަންދުކުރުން
ޝައްމާންގެ ބަންދުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލަން ނިންމައިފި
ޝައްމާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައި
މި މައްސަލަ ބެލުމަށް ނިންމެވީ ބެންޗުގައި ތިއްބެވި 3 ފަނޑިޔާރުންގެ އިއްތިފާގުން
ޝައްމާންގެ އަމުރަށް، 530،000 ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނޭ

ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުން ނިންމައިފިއެވެ.

ޝައްމާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައެވެ. އަދި 26 މާރޗް 2025 ގައި ޝައްމާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން ޝައްމާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި މި މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. ތިން ފަނޑިޔާރުން ވެސް ކަނޑައެޅުއްވީ އިސްތިއުނާފުގެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ހުޒައިފާ މުހައްމަދު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމް އެވެ.

ޝައްމާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ.

ޝައްމާންގެ އަމުރަށް، 530،000 (ފަސްލައްކަ ތިރީސް ހާސް) ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭގެ ބަލާފާސް ކޮށްފައިވާއިރު، އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ޝައްމާން ހައްޔަރުކޮށްފައިވަނީ ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރޗް 2025 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު ޕޮލިހަށް ހާޒިރުވުމުން ކުއްލި ގޮތަކަށެވެ.

ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ، މި މައްސަލާގެ ހަގީގަތް ޝައްމާން މީޑިއާތަކަށް ތިލަ ކުރާނެތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

- ކޮމެންޓް