ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 13:05
ގޯތި ފުލެޓް މައްސަލައިގައި މާޒް ސަލީމްގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ރާއްޖެއެމްވީއަށް އިންޓަރވިއު ދެއްވަނީ - 10 އެޕްރީލް 2025
ގޯތި ފުލެޓް މައްސަލައިގައި މާޒް ސަލީމްގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ރާއްޖެއެމްވީއަށް އިންޓަރވިއު ދެއްވަނީ - 10 އެޕްރީލް 2025
ރާއްޖެއެމްވީ
ގޯތި ފުލެޓް މައްސަލަ
ފުލެޓް އަދި ގޯތި ލިބުނު މީހުންގެ ހައްގުތައް ރައީސް އިސްވެ ހުންނަވާ ނިގުޅައިގަނެފައިވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދިއްޖެ
ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގުތައް ރައީސް މުޢިއްޒުގެ ވެރިކަމުގައި ނިގުޅައިގަނެފައިވޭ
ރައީސް މުޢިއްޒުގެ ވެރިކަން އަންނަން ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދު ނުފުއްދާ އޮޅުވާލާފައިވޭ
ސުޕްރީމް ކޯޓުގެ ރައުޔަކުން އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް އަދި ފުލެތެއް އަތުލައިނުގަނެވޭނެކަން އެނގޭ

ދިވެހި އެތަކެއް ރައްޔިތުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ނިގުޅައިގަނެފައި ވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުއްވީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް މައްސަލަ ވެއްދުމަށްފަހު ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މާޒް ވިދާޅުވީ ޕޮލިހަށް ހުށަހެޅުއްވި މައްސަލައަކީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކެމްޕޭންކުރުމަށް ވަޑައިގެންނެވިއިރުގައި އެންމެ ބޮޑު ވަޢުދުފުޅަކަށް، ރައްޔިތުންނަށް ވެފައި އޮތް ވަޢުދަކީ ކުރީ ސަރުކާރުން ދީފައި ހުރި ފްލެޓުތަކާއި ގޯތިތައް އެހުރިގޮތަކަށް، ލިބިދީފައި ހުރި ފަރާތްތަކަށް އެހުރިގޮތަކަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވައުދުފުޅުކަމަށެވެ.

އެހެންނަމަވެސް، ވެރިކަމަށް ވަޑައިގެން މަކަރާއި ހީލަތް އެކަމުގައި ހައްދަވާފައި އޮތް ކަމަށް ލިޔެކިޔުންތަކާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު ފެންނަން އެބައޮތް ކަމަށް މާޒް ވިދާޅުވިއެވެ.

އެހެންވީމާ، ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ، ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށްޓަކައި ހަމަޖައްސާފައި ގެޒެޓުކޮށްފައި އޮތް، ފާސްކޮށްފައި އޮތް ކްރައިޓީރިއާތައް/ޝަރުތުތައް. ޝަރުތުތައް ވަނީ އޭގެތެރެއިން މުހިންމު އެއް ޝަރުތެއް ބަދަލުކޮށްފައި. އެއީ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ޝަރުތު ފުރިހަމަކުރުމަށްޓަކައި ހުށަހަޅާފައި އޮތް ޑޮކިއުމަންޓުގައި މި އޮންނަނީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މާލޭގައި ސްކޫލް، ޔުނިވަރސިޓީ، ކޮލެޖެއްގައި ދަރިން ކިޔެވިކަމުގެ މަޢުލޫމާތު އެބަ ބެހޭ ލިޔެކިޔުންތައް އިނގޭތޯ. ރައީސް މުއިއްޒު ހެއްދެވި ގޮތަކީ ވެރިކަމަށް ވަޑައިގެން އެ މަޢުލޫމާތު އެއިން އުނިކުރެއްވީ. އުނިކުރައްވާފައި އޭގެ ބަދަލުގައި ހުށަހެޅުއްވީ، އެއަށް އިތުރުކުރެއްވީ މާލޭގެ ރަށްވެހިކަމުގެ ތަފްޞީލު ހުށަހަޅަން އިނގޭތޯ. އެހެންވީމާ، އެ އޮތީ ވަރަށް ބޮޑު އޮޅުވާލުމެއް އޭގައި އޮޅުވާލެވިފައި އެ އޮތީ.

މާޒް ސަލީމް

މާޒް ވިދާޅުވީ ގިނަ ރައްޔިތުންނަށް ޕޮއިންޓުލިބި ފުރިހަމަވި ޝަރުތަކީ އަދި ގޯތި ލިބުމަށް އެލެޖިބަލްވާ ސަބަބަކީ ސްކޫލުތަކާއި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި ދަރިވަރުން ކިޔެވިކަމުގެ މަޢުލޫމާތު ކަމަށެވެ. އަދި އެއާއެކީގައި ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމެއް އޮންނާނެ ކަމަށާއި، އެ ނިންމުމުގައި އޮންނަނީ ގޯޗަކުން ބައެއް ނުވަތަ ފްލެޓެއް ނުވަތަ ފްލެޓަކުން ބައެއް އެ މީހަކަށް ލިބުނުކަމަށް އެ މުޖުތަމަޢުގައި އެކަން ޤަބޫލުކުރެވޭ ގޮތަކީ ކުއްޔަށް ހިފައިގެން އުޅޭ ފްލެޓެއް ނުވަތަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްގައި އުޅުމަކީ އެއީކީ އޭނާގެ ތަނެއް ނޫން ކަމަށެވެ. އަދި ދައުލަތަކުން ވަކި ތަނެއް ކަނޑައަޅާފައި އެ މީހެއްގެ މައްޗަށް އެއީ މިވެނި މީހެއްގެ ތަނެއްކަމަށް ދައުލަތަކުން ބުނެފައި އޮތްކަމަށް ވާނަމަ އޭނާގެ މައްޗަށް ޙައްޤުތަކެއް އުފެދޭނެކަމަށާއި، އެއީ އޭނަގެ ތަނެއްކަމަށް ސާބިތުވާކަމަށް އޮންނަ ކަމަށެވެ.

މާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައި އޮތް ރަޢުޔު އެގޮތަށް އޮތްއިރުގައި ކުރީ ސަރުކާރުން ލިސްޓުގައި ނަންޖަހާފައި، އެގްރީމެންޓް ހަދާފައި، ރަޖިސްޓްރީ ހަދާފައި، ސިއްކަ ޖަހާފައި ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ހައްގު ނިގުޅައިގަނެވޭނެ އެއްވެސް އުސޫލެއް ނެތް ކަމަށް މާޒ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ރަޢުޔުން ވަރަށް ސާފުކޮށް އެބަ އެނގޭ، މިއީ ސީދާ އެ ބައެއްގެ ޙައްޤުކަން. ވަރަށް ރަނގަޅަށް ސާފުކޮށް މިއިން އެބަ އެނގޭ. އެހެންވީމާ، ދެން މީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަނެއް މައްސަލައަކީ، ގާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ހ އާއި ށ ގައި އޮންނަ ބައި އިނގޭތޯ. އޭގައި މި އަންނަނީ މީހެއްގެ މުދަލެއް، އަނެއް މީހާއަށް އޮޅުވާލައިގެން މަކަރާއި ހީލަތުން އޭތި ނިގުޅައިގެންފި ނަމަ، އެ ކުރަނީ ކުށެއް ކަމަށް ވަރަށް ސާފުކޮށް އެބައޮތް އޭގައި. އެހެންވެގެން މި މައްސަލައާއި ވަރަށް ރަނގަޅަށް އެބަ ދިމާވޭ އިނގޭތޯ. މި ކުރެވޭ ކަންތަކާއި، ރައީސް މުޢިއްޒު ވެރިކަން ވަޑައިގެން މި ކުރެވޭ ކަންތައް. އެހެންވީމާ [ފުލެޓް އަދި ގޯތި] ވެރިފަރާތަށް އޮޅުވާލައިގެން މަކަރާއި ހިލަތުން އަތުލާފަ މި އޮންނަނީ.

މާޒް ސަލީމް

މާޒް ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުސަހަޅާފައިވާ އިރު، 3 ދުވަސް ތެރޭގައި އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް މާޒް ވިދާޅުވިއެވެ.

މާޒް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ ދިވެހި އެތަކެއް ރައްޔިތުންނަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގު، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވާ މަކަރާއި އޮޅުވާލުމުގެ ތެރެއިން މި ސަރުކާރުން ނިގުޅައިގެންފައިވާތީ، މި މައްސަލައަކީ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަންޖެހޭ މައްސަލައަކަށް ވީތީ މި މައްސަލަ ތަހުގީގުކޮށްދެއްވުމަށެވެ.

- ކޮމެންޓް