އެމެރިކާއިން ހޫތީންގެ 100ށް ވުރެ ގިނަ ތަންތަނަށް ބޮން އަޅައިފިއެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލަކު އަންގާރަ ދުވަހު އަލް އަރަބިއްޔާ އިންގްލިޝްއަށް ވިދާޅުވީ ޔަމަނުގައި މިދިޔަ މަހު ބޮން އެޅުމުގެ އޮޕަރޭޝަން ފެށި ފަހުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަނުގައި ތިބި ހޫތީންގެ 100 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައި ކަމަށެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލް ވިދާޅުވީ ހޫތީންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީތަކާއި ހަތިޔާރު އުފައްދާ ފެސިލިޓީތަކާއި އެޑްވާންސް ހަތިޔާރު ރައްކާކުރާ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ހޫތީންގެ ބައެއް ލީޑަރުން މަރުވި ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް، މަރާލީ ކާކު ކަމާއި އަދި އެކަމުގެ އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.
މި އޮޕަރޭޝަނުގައި ބޭނުންކުރި އުޅަނދުތަކުގެ ތެރޭގައި 30،000 ޕައުންޑުގެ ބަންކަރު ގޮއްވާލަން ބޭނުންކުރާ ފަދަ ބޮންތައް އުފުލާ "ބީ-2 ސްޓެލްތް" ހިމެނެ އެވެ. އޮފިޝަލުން ބުނާ ގޮތުގައި އޮޕަރޭޝަނުގައި ބޮން އެޅި މީހުން ވަނީ ބިމު އަޑީގައި ހުރި ހޫތީންގެ ވަސީލަތްތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ބޮން އަޅާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ މަތިންދާބޯޓުތަކެއް އިންޑިއާ ކަނޑުގައި މަޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓުތައް މަޑުކޮށްފައި ތިބީ ޑިއޭގޯ ގާސިއާގައި ކަމެއް އެމެރިކާއިން ނުބުނެއެވެ.
މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް، ޖެނެރަލް އެރިކް ކުރިލާ ވަނީ މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ޔަމަނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި ކުރިލާ އާއި ޔަމަނުގެ ޚާރިޖީ ވަޒީރު ވަނީ ހޫތީންނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރިއަށް ގެންދާ ކެމްޕޭނާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
ހޫޘީން ވަނީ އެމެރިކާގެ އުޅަނދުތަކަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެމްކިއު-9 ރީޕަރ ޑްރޯންތަކެއް ވައްޓާލާފައެވެ. ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ތިން ޑްރޯން ވައްޓާލާފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ހޫތީންގެ އެއްވެސް ހަމަލާއެއް އެމެރިކާގެ އުޅަނދުތަކަށް ނުވަތަ މުދަލަށް އަމާޒުކޮށްފައިވޭތޯ ސުވާލު ކުރުމުން އެމެރިކާގެ ދިފާއީ އޮފިޝަލް ވިދާޅުވީ އެމެރިކާގެ ސިފައިންނާއި މުދާ ހުރީ ރައްކާތެރި ކަމާއެކު ކަމަށެވެ.
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއްޔެ ވަނީ އޮޕަރޭޝަން ނިމުމަކަށް ނާންނަ ކަމަށް އިންޒާރު ދެއްވާފަ އެވެ. އެކަން އިތުރަށް ގޯސްވާނެ ކަން، އދި ކުރިއަށް އޮތް ތަނުގައި ވަރުގަދަ އޮޕަރޭޝަންތައް ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ހަމަލާތަކުގައި ހޫތީންގެ އިސް ބައެއް ބޭފުޅުންނާއި ހަތިޔާރުގެ މާހިރުން މަރުވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފަ އެވެ. ނަމަވެސް ވައިޓް ހައުސްއިން މި ވާހަކަތައް ސާބިތުކޮށްދޭނެ ހެއްކެއް ދައްކާފައި ނުވާއިރު ޕެންޓަގަންގެ އޮފިޝަލުން ވަނީ އިތުރު ތަފްސީލެއް ދޭން ދެކޮޅު ހަދާފަ އެވެ.
މި އޮޕަރޭޝަންގެ ޚަރަދާއި ފާއިދާއާއި މެދު ފާޑުކިޔުންތައް އިތުރުވަމުން ދިޔަ ނަމަވެސް، އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި އޮޕަރޭޝަންތަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ޑިފެންސްގެ އިސް އޮފިޝަލުން ވިދާޅުވި ކަމަށެވެ. ހެގްސެތު ވަނީ މި ކެމްޕޭނަކީ އިންސާފުވެރި އަދި ކާމިޔާބު ކެމްޕެއިނެއް ކަމަށް ވިދާޅުވެ ޝައްކުތަކަށް ރައްދު ދީފައެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލް އަންގާރަ ދުވަހު އަލް އަރަބިއްޔާ އިންގްލިޝްއަށް ވިދާޅުވީ ހޫތީން އަދިވެސް ގާބިލްކަން ދަމަހައްޓަމުން އަންނަ ކަމަށާއި މައިގަނޑު ސަބަބަކީ އީރާނުން ގާތްގަނޑަކަށް 10 އަހަރު ވަންދެން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ހެގްސެތު މީގެ ކުރިން ދެއްކި ވާހަކަތަކާ ހަވާލާދީ އޮފިޝަލް ވިދާޅުވީ ހޫތީން ހަމަލާދިނުން ހުއްޓާލުމުން އެމެރިކާއިން ވެސް ހޫތީންނަށް ހަމަލާދިނުން ހުއްޓާލާނެ ކަމަށެވެ.
އާންމުންނަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ޕެންޓަގަން އިން އާންމުން މަރުވި ކަމުގެ ތުހުމަތުތައް ސީރިއަސްކޮށް ބަލައި، އެ ކަންކަން މުރާޖައާ ކުރާނެ މަރުހަލާއެއް އެބައޮތް ކަމަށެވެ/
އިތުރު ބާރެއް ދެއްކުމުގެ ގޮތުން ހެގްސެތު ވަނީ ދާދި ފަހުން އެ ސަރަހައްދަށް އިތުރު ސްކޮޑްރަންތަކާއި ވައިގެ ދިފާއީ އުޅަނދުތައް ގެންނަން އޯޑަރު ދީފަ އެވެ. އިންޑޯ-ޕެސިފިކް ސަރަހައްދުން ދެވަނަ މަތިންދާ ބޯޓު އުފުލާ އުޅަނދެއް ރީޑައިރެކްޓްކޮށް، މެދުއިރުމަތީގައި އެމެރިކާ އިން ހަރަކާތްތެރިވުން އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ޕެޓްރިއޮޓް މިސައިލް ބެޓެރީއާއި ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމެއް ވަނީ ބަހައްޓާފައެވެ. ޕެންޓަގަންއިން ސީދާ ޑިޕްލޮއިމަންޓް ސައިޓްތައް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ތާޑް ސިސްޓަމް ފޮނުވީ އިޒްރޭލަށެވެ.
އެމެރިކާގެ އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ހޫތީންނަށް އަމާޒުކުރި ނަމަވެސް، މިއީ އީރާނަށް ވެސް އެމެެރިކާއިން ދިން ސާފު މެސެޖެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަނަލް ސެކިއުރިޓީ ސަބަބުތަކާ ހުރެ ވާދަވެރިންގެ ގާބިލުކަމާއި ތަފްސީލުތަކާ ބެހޭ ގޮތުން މަޝްވަރާ ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ސެކްރެޓަރީ ހެގްސެތު ގެންދަވަނީ، އީރާން ނުވަތަ އެ ގައުމުގެ ޕްރޮކްސީތަކުން އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި މަސްލަހަތަށް ނުރައްކާކޮށްފި ނަމަ، އެމެރިކާގެ ރައްޔިތުން ދިފާއުކުރުމަށް އެމެރިކާއިން ނިންމަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަން ހާމަކުރައްވާފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އޮމާންގައި މި ހަފުތާ ބަންދުގައި ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމެރިކާއިން ވަނީ ތަކުރާރުކޮށްފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނާ އެކު ސަރަހައްދީ ކަންކަމާ ބެހޭ ގޮތުން ވައިޓް ހައުސްގައި ރައީސް ޓްރަމްޕާ ބައްދަލުކުރައްވާފަ އެވެ. އަންގާރަ ދުވަހު ނަތަންޔާހޫ ވަނީ އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ނައްތާލުން ނުވަތަ ހަލާކުކުރުމުގެ ކަންކަން ބެލެހެއްޓުމަށް އެމެރިކާއަށް ގޮވާލައި، ޑިޕްލޮމަސީ ފެއިލްވެއްޖެ ނަމަ އަސްކަރީ ބާރުތަކުން އެތަނުގައި އޮންނަންޖެހޭ ކަމަށް ބުނެ އިންޒާރު ދީފައެވެ.