ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީގެ ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކުރެއްވުމަށް އައްޑޫ ސިޓީގެ މޭޔަރ، ޑެޕިއުޓީ މޭޔާރ، ކައުންސިލަރުން އަދި އައްޑޫ ސިޓީގެ އެންމެހައި ރައްޔިތުންގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.
އައްޑޫ ސިޓީގެ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ތެރެއިން މަގު ހެދުމުގެ ބައިތަކެއް އުނިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އައްޑޫ ސިޓީ ކައުންސިލް އިން ނެރުނު ނޫސްބަޔާނުގައި ވަނީ ކައުންސިލާއި އައްޑޫ އެއަރޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި މިފަދައިން މަޝްރޫޢުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމަވާފައިވާތީ މި ނިންމި ނިންމުން މިއީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި، މިނިވަން ދިމިޤުރާތީ މުޖުތަމަޢުތަކުން ޢަމަލުކުރާ އުޞޫލުތަކާ ނުބައްދަލު އަދި މުޅި ދެކުނުގެ ރައްޔިތުންގެ ޙައްގު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމުމެއްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އައްޑޫ ސިޓީގެ ގަން އެއަރޕޯޓްތަރައްޤީކުރުމުގެ މަޝްރޫޢުއަކީ މުޅި ދެކުނުގެ އަތޮޅުތައް ބައިނަލްއަޤުވާމީ އުދުހުންތަކާ ގުޅުވާލަދީ އައްޑޫ އަދި ދެކުނުގެ އެންމެހައި އަތޮޅުތަކުގެ ޓޫރިޒަމާއި އިޤްތިޞާދު ކުރިއެރުވުމަށް ޒަމާނުއްސުރެ އެކި އެކި ފަރާތްތަކުން ކުރަމުންއައި މަސައްކަތްތަކުގެ ފޮނި ނަތީޖާކަމާއި، އައްޑޫ އަދި ދެކުނުގެ އެންމެހައި އަތޮޅުތައް ބައިނަލްއަޤުވާމީ މަސްރަޙުގައި ޓޫރިޒަމްގެ ދާއިރާއިން ވިދާލާތަން ދެކެން ކެތްމަދުވެފައި ތިބި އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ހުފަވެންތައް އެކަމަކާ ގުޅި ލާމެހިފައިވާ ކަމެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަންޖެހޭ މަގުތަކުގެ ތެރެއިން މަގެއްގެ ބައެއް އުނިކޮށް މަޝްރޫޢުގެ ސްކޯޕްއަށް ބަދަލު ގެނައުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމަވާފައިވާ ޚަބަރު އައްޑޫ ސިޓީ ކައުންސިލުން އަޑު އެހީ ނުހަނު ހިތާމާއާއި އެހާމެ ކަންބޮޑުވުމާއެކުކަން ވަނީ މިބަޔާނުގައި ފާހަގަކޮށްފައެވެ.
އައްޑޫގެ ތަރައްޤީގެ މައި ނާރެހަކީ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުކަމުގައި އެންމެހައި ލޮބުވެތި ރައްޔިތުންވެސް ޤަބޫލުކުރާނެކަން އެނގޭޙާލު، ހަމައެކަނި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ސުލްޙަވެރިކޮށް ވާހަކަ ދައްކައިގެން ޙައްލުކުރެވެން އޮތް ކުޑަ މައްސަލައެއް ހައްލު ނުކުރެވުމަކީ ނުހަނު ހިތާމަ ހުރިކަމެއް ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
އަދި އައްޑޫ ސިޓީގެ ތަރައްޤީގެ ކުރިމަގަށް ހުރަސްއެޅިގެންދާނެފަދަ އެއްވެސް ކަމެއް ސަރުކާރުން އަދި ރާއްޖޭގެ އިޢްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ ކުރައްވާފާނެކަމަށް ޤަބޫލުކުރުމަކީ ދަތިކަމެއްކަމުގައިވެސް ފާހަގަކުރާ ކަމަށާއި، އިނގިރޭސިން އައްޑޫގައި ދިރިއުޅުނު ޒަމާނުއްސުރެ އައްޑޫގެ ގަމުގައި ހުރި ބައުވެ ވީރާނާވެފައިވާ ޢިމާރާތްތަކެއް ސަރުކާރުގެ ބޭނުމަށް ނުނެގި އޭގެ ސަބަބުން މުޅި ދަޢުލަތް އަމިއްލަ ކުންފުންޏެއްގެ ކުރިމައްޗަށް އާދޭސްކުރަން ޖެހުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރަށް ދަޢުލަތުގެ ބޭނުމަށްޓަކައި ބޮޑެތި ރަށްތައް ހުސްކުރުވައި، ބޮޑެތި ޚަރަދުތަކާއި ބަދަލު ދޭންޖެހޭ ފަރާތްތަކަށް އަދާހަމައަށްވެސް ސަރުކާރުން ބަދަލު ދެއްވަމުން ގެންދަވާކަމީ މިހާރުވެސް ހިނގަމުންދާ ކަމަކަށްވެފައި، އައްޑޫ ސިޓީއާއި މުޅި ދެކުނުގެ ތަރައްޤީއަށް މިފަދައިން ހުރަސްއެޅުއްވުމަށް ސަރުކާރުން ނިންމަވާފާނެކަން އެއްވެސް ރައްޔިތަކަށް ޤަބޫލުނުކުރެވޭނެކަން ޔަޤީން ކަމެއް ކަމަށް ކައުންސިލުން ބުންޏެއެވެ.