ކ. މާލެ
|
30 މާރޗް 2025 | އާދީއްތަ 10:59
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ފިޠުރު ޢީދު ދުވަސް
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި
ޞަދަޤާފަތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް ޢީދުގެ މަޤުޞަދު

ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެ އެވެ.

އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަޚްވަންތަކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް ޢީދުގެ މަޤުޞަދުތަކުގެތެރޭގައި ހިމެނޭކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ މީހަކުވެސް ޚާއްޞަކޮށް، ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެ އެވެ.

އަދި ޢީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންފައިވެ އެވެ. ހަމައެއާއެކު ސަރުކާރުންވެސް މަސައްކަތްކުރައްވާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައިވެސް ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ދުވަހާގުޅޭ ޝުޢޫރުފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައިވެސް އެމަނިކުފާނުވަނީ ރޯދައިގެ މަތިވެރި އަޅުކަން ޤަބޫލުކުރެއްވުން އެދި ހެޔޮ ދުޢާ ތަކުރާރު ކުރައްވައި، ފިޠުރު ޢީދުގެ ތަހްނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.

- ކޮމެންޓް