ރާއްޖެ އާއި ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯންތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަށް ހެދުމަށް، ލޯނުގެ ގޮތުގައި ދޫކުރާ މިންވަރުގެ އިތުރަށް އެއްވެސް ފައިސާ އެއް ދަރިވަރުންގެ އަތުން ނުނެގުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ގެންނަން ނިންމާފައިވާ ބަދަލުތައް އެ މަނިކުފާނު ވަނީ އެކްސްގައި ހިއްސާކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ އިން ވެސް އެޑްމިނިސްޓްރޭޓިވް ފީ އުނިކުރުމަށް ފަހު އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.