ކ. މާލެ
|
26 މާރޗް 2025 | ބުދަ 18:48
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ
ފޭސްބުކް
އައްްޑޫ ކަރަންޓްގެ މައްސަލަ
ކަރަންޓްގެ މައްސަލައަށް ހައްލު ނުލިބޭތީ ޢީދަށް، އައްޑޫ ނުދިއްލާނެ: ކައުންސިލް
އައްޑޫ ސިޓީގެ ރަށްތަކުން އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭ މައްސަލަ އަކީ ހައްލު ނުލިބި ދިގުލާފަވާ މައްސަލަ އެއް
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށް ގެތައް ދިއްލުމަށްފަހު ނޫނީ ޢީދު ލައިޓްސް ހަރުކުރުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން

އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުވެ ހައްލެއް ނުލިބޭތީ، ފިޠުރު ޢީދުގައި އައްޑޫ ސިޓީގައި ބޮކިތައް ނުދިއްލާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި، މިއީ އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކާއި ކުރިމަތިވެފައިވާ މައްސަލައަކަށްވާއިރު، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށް ގެތައް ދިއްލުމަށްފަހު ނޫނީ ޢީދު ލައިޓްސް ހަރުކުރުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.

އަސާސީ ޚިދުމަތަކަށްވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ އޮއްވާ ފިޠުރު ޢީދަށް ރަށް ދިއްލުމަށް ސަރުކާރުން އެންގުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއްތޯ ޝުއާއު ވަނީ ސުވާލު އުފައްދާފައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި ދިއުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި ކަމަކަށްވާއިރު، ސަރުކާރުން މި ރަމަޟާންމަހު ކަރަންޓު ނުކެނޑޭނެކަމުގެ ފޮނި އުންމީދު ތަކެއް އައްޑޫގެ ރައްޔިތުންނަށް ދިން ނަމަވެސް މި ރަމަޟާންމަހު މުޅިންހެން މި ފެނުނީ އެހެން މަންޒަރެއް ކަމަށް ޝުއާއު ވިދާޅުވި އެވެ.

ރަމަޟާންމަހުގެ ގިނަ ދުވަސްތަކެއްގައި ރައްޔިތުންނަށް މި ދަތިކަމުން އަރައިގަނެވިފަ އެއްނުވޭ. ގޭތެރޭ ބޭނުންކުރާ އެތަކެއް ސަމާނުތަކަށް ގެއްލުންވެ، ނަމާދު ވަގުތުތަކުގައި ބަންގީގެ އަޑު ނީވި، ރޯދަ ވީއްލާ ވަގުތު ކަރަންޓު ނެތި، ރަމަޟާން މަސް މި ނިމެނީ

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު

އެހެން ކަމުން ފިޠުރު ޢީދުގައި މިފަހަރު އައްޑޫ ސިޓީ ދިއްލަން ރައްޔިތުން ޤަބޫލުނޫން ކަމަށާއި ރައްޔިތުން އެދެނީ ކަރަންޓަށް އަވަސް ހައްލެއް ކަމަށްވެސް ޝުއާއު ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަނެއްކާވެސް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރު ހިފައިގެން އައްޑޫ ސިޓީއަށް ބޯޓް ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ ކުރިން މާރޗް 13 ވަނަ ދުވަހު ވެސް އައްޑޫއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. ފެނަކައިން ބުނެފައި ވަނީ އައްޑޫގައި މިވަގުތު ހުރި ޖެން ސެޓުތަކުގެ މަރާމާތުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފާއިތުވި ދެ ދުވަހުވެސް ލޯޑް މަތިވުމުގެ ސަބަބުން އައްޑޫ އެކި ހިސާބުތަކުން ދަނީ ކަރަންޓްގެ ޚިދުމަތް މެދު ކަނޑަމުންނެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުން ކަނު އަނދިރީގައި ތިއްބާ ކުރިއަށް އޮތް ފިތުރު އީދަށް މާލެ ސިޓީ ދިއްލުމާ މުޅިން ދެކޮޅު ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް