ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމުގެ މަރުޙަލާގައި، ޔުކްރެއިން އަށް އެހީތެރިވާން ނިންމާފައިވާ ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްވެރިންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްދާ މި ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ ޤައުމަކުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ޔުކްރެއިން އަށް އެހީތެރިވުމުގެ ގޮތުން އިއްތިހާދެއް އުފެއްދުމަށް އިސް ނަގާފައި ވަނީ އިނގިރޭސި ބޮޑު ވަޒީރު ކިއާ ސްޓާާމާ އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ. މި އިއްތިހާދުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިއާ އާއެކު ސީދާ މަޝްވަރާތައް ފެށުމާ ގުޅިގެންނެވެ.
ނަމަވެސް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ހަނގުރާމަ ހުއްޓުވުމުގެ ޝަރުތެއްގެ ގޮތުގައި، ޔުކްރެއިން އަށް ދެމުން އަަންނަ ހަތިޔާރުގެ ހުރިހާ އެހީތެރި ކަމެއް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ޔުކްރެއިންގެ ބިމުގައި އެއްވެސް ބޭރު ގައުމެއްގެ އަސްކަރީ ބާރެއް ބޭއްވުމަށް ވެސް އިންކާރު ކޮށްފައިވެ އެވެ.
ޓްރަމްޕް އަދި ޕުޓިންގެ ދެމެދު ގައި ބޭއްވުނު 90 މިނެޓުގެ ފޯނު ކޯލެއްގައި، ޕުޓިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާނީ ހުރިހާ އަސްކަރީ އެހީތެރިކަމެއް ހުއްޓާލުމުން ކަމަށް ބުނެފަ އެވެ.
މިހާރު ވަނީ 30 ދުވަހުގެ މުއްދަތަށް ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަަށް ނުވަތަ ވިއުގަ އަށް ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ.
ސްޓާމާ އަދި މެކްރޮން ވަނީ، ޔުކްރެއިން ގައި އެ ދެ ގައުމުގެ އަސްކަރީ ބާރުތައް ބޭއްވުމަށް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ. ގިނަ އަދަދެއްގެ ގައުމުތަކުން މި މަސައްކަތުގައި އެހީތެރިވާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ. އަދި ޔުކްރެއިން ގައި އެހެން ޤައުމެއްގެ އަސްކަރިއްޔާ އިން ބޭތިއްބުމާ މެދު، ރަޝިޔާގެ ބަހެއް ހޯދަން ނުޖެހޭނެ ކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ސަލާމަތީ ޔަގީންކަން ނެތުމުން، ނޭޓޯގެ ބައެއް ބައިވެރި ގައުމުތަކުން ދިފާއީ ޚަރަދުތައް އިތުރު ކުރުމަށް މަސައްކަތް ފަށާފައިވެ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ރަނގަޅެވެ.