ނުޙައްގުން ރައްޔިތުންނަށް އަނިޔާ ދެނީ ސަރުކާރުން ކަމަށާއި، ވެރިކަން ފެންނަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ ބުނެފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިޝާ ބުނީ އޭނާއަކީ އުމުރުން 14 އަހަރުން ފެށިގެން އާއިލާއެއްގެ ޒިންމާ ނެގުމަށް މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށާއި މިއަދު ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވަނީ ސަރުކާރުތަކުން ދީފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
ދިރިއުޅުމުގެ އަސަރުގަދަ ވާހަކަތައް ހިއްސާކުރަމުން ނިޝާ ބުނީ، އޭނާގެ މަންމަ ގޯތި ގެދޮރުހުރެމެ، އެބިމުންވެސް ތަންކޮޅެއް ނުލިބި، އެއްވެސް ސަރުކާރަކުން ދިން ބޯހިޔާވަހިކަމުގެ އެއްވެސް ފްލެޓެއް ނުލިބި، އެންމެ ފަހުން އެމްޑީޕީންދިން ގެދޮރުވެރިޔާ ސްކީމުން 94 ޕޮއިންޓް ލިބި ފްލެޓް ހައްގުވެފައި ހުއްޓާ މިސަރުކާރުން އެހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.
ނުހައްގުން ތިމާގެ ކިބައިގެން ފޭރިގެންދިޔަ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އޭގެ ހެޔޮ ބަދަލު ﷲ ސުބްހާނަހޫވަތައާލާ އެމީހަކަށް ދެއްވާނެކަން. އެއީ މިއަދު އަޅުގަނޑުމެންދަނެ ކަށަވަރު ކުރަންޖެހޭނެ ކަމެއް. މިއުޅެނީ ޖިހާދު ކުރާކަށް ނޫން. ލިބެންޖެހޭ ހައްގެއް ހޯދަން.
މަރިޔަމް ނިޝާ![]()
ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް މިއަދު މިރާއްޖޭގައި އެބަތިބި ކަމަށާއި އުސޫލުގެ ތެރެއިން ލިބިފައި އޮތް ހައްގެއް ނިގުޅައި ނުގަންނަން ސަރުކާރަށް އާދޭސް ދަންނަވާ ކަމަށް ނިޝާ ބުންޏެވެ.
ރައްޔިތުން ސަރުކާރެއްގެ ކިބައިން ބޭނުންވަނީ ދެތިން ކަމެއް ކަމަށާއި އެގޮތުން އަދުލު އިންސާފާއި ހަމަހަމަކަން ކަށަވަރު ވުމާއި ބޯހިޔާވަހިކަން ކަށަވަރުވުން ފަދަ ކަންކަން ކަމަށްވާއިރު މިކަންކަން ނުލިބި ދިއުމުން މިއަދު މިވާހަކަ ދައްކަން މަޖުބޫރުވީ ކަމަށްވެސް އޭނާ ބުންޏެވެ.