ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު(މަންދީ)ގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލަ ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް ފުލުހުން ބުނީ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަޅު ތެޔޮ ޖަހާފައިވާ މައްސަލައެއް އާދިއްތަ ދުވަހުގެރޭ 1:06 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ ހެލްމެޓް އަޅައިގެން މާސްކް އަޅައިގެން ސައިކަލުގައި އައި ބައެކެވެ.
މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ އާ ހިސާބުން ކަޅު ތެޔޮ ޖެހި މީހުން އައީ މަންދި ފޮލޯ ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މަންދީ ބުނީ މިއީ ވަކި ބަޔެއްގެ ނުފޫޒުން ވަކި ބަޔަކު ފޮނުވައިގެން ކުރި ކަމެއް ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާގެ އަތެއް މިކަމުގައި ނުވާނެ ކަމަށް ނުދަންނާވާނެ ކަމަށް މަންދީ ބުނެފައިވެއެވެ.