އެމެރިކާ އިން، ޔަމަންގެ ހޫތީން އަށް އަމާޒުކޮށް ދޭން ފަށާފައިވާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާ އިން ގޮވާލައިފި އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް މިފަދައިން ގޮވާާލައްވާފައި ވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯއާ އެކު ކުރެވުނު ފޯނު ކޯލު މަޝްވަރާއެއްގަ އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ފަރާތުން ހުށަހެޅި ވާހަކަތަކަށް ޖަވާބު ދެއްވަމުން ލަވްރޯވް ވަނީ، ބާރުގެ ބޭނުން ކުރުން ވަގުތުން ހުއްޓާލުމުގެ މުހިންމުކަމާއި، އިތުރު ލޭ އޮހޮރުވުން ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކުން ސިޔާސީ މަޝްވަރާގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަތް ކަނޑު ސަރަހައްދުގައި ކުރާ ނޭވީ ދަތުރު ފަތުރަށް ހުރަސް އެޅުމުގެ ގޮތުން ހޫތީން އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ޔަމަނަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދޭން ފަށައިފަ އެވެ.
މި ހަމަލާތަކުގައި މަދުވެގެން 31 މީހުން މަރުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި މި ހަމަލާތައް އެތައް ދުވަހަކަށް ދެމިގެންދާނެ ގޮތަށް ކުރިއަށް ގެންދަން އެމެރިކާ އިން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ޔަމަންގެ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަ ނުޖެހުން އިތުރު ވެދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ ފާޅު ކުރަމުންނެވެ.
މި ކަންކަން ހައްލު ކުރުމަށް ސިޔާސީ މަޝްވަރާތައް އަވަހަށް ފެށުމަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.