ކ. މާލެ
|
17 މާރޗް 2025 | ހޯމަ 10:28
އެމެރިކާގެ ނޭވީން ފޯރުކޮށްދިން ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ޔަމަނުގެ ސަނާ އަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން ދިޔަ ވަގުތުގެ މަންޒަރުތަކެއް.
އެމެރިކާގެ ނޭވީން ފޯރުކޮށްދިން ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ޔަމަނުގެ ސަނާ އަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން ދިޔަ ވަގުތުގެ މަންޒަރުތަކެއް.
އޭޕީ
އެމެރިކާ އިން ހޫތީން އަށް ހަމަލާ ދިނުން
ހޫތިންއާ ދެކޮޅަށް ދެމިގެންދާނެ ހަމަލާތަކެއް ދޭން އެމެރިކާ އިން ނިންމައިފި 
އެމެރިކާގެ ހަމަލާ ތަކުގައި މަރުވި 31 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހޫތީންގެ ސިއްޙީ ވުޒާރާގެ ތަރުޖަމާނު އަނީސް އަލް-އަސްބާހީ ވިދާޅު ވެފައިވޭ.

ޔަމަންގެ ހޫތީންއާ ދެކޮޅަށް، ދެމިގެންދާނެ ހަމަލާތަކެއް ދިނުމަށް އެމެރިކާ އިން ނިންމައިފި އެވެ.

 އެމެރިކާގެ ދިފާއީ ސެކްރެޓަރީ ވިދާޅުވެފައި ވަނީ ޔަމަނުގެ ހޫތީން ކަނޑުގެ ދަތުރު ފަތުރަށް ދޭ ހަމަލާތައް ހުއްޓާލަންދެން، އެމެރިކާ އިން އެ ގުރޫޕަށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެމެރިކާގެ ދިފާއި ސެކްރެޓަރީގެ މި ބަޔާން އައިސްފައި ވަނީ އެމެރިކާއި ން ދިން ހަމަލާތަކަކާ ގުޅިގެން ހޫތީންގެ 31 މީހުން މެރުވެފައިވާ ވަގުތެއްގަ އެވެ.

ހޫތީންގެ ސިޔާސީ ބިއުރޯ އިން މި ހަމަލާތައް ސިފަ ކޮށްފައި ވަނީ "ހަނގުރާމައިގެ ކުށެއް" ގެ ގޮތުގަ އެވެ. އަދި ހޫތީންގެ ބާރު ތަކުން އެ ހަމަލާތަކަށް ޖަވާބު ދޭން ތައްޔާރަށް ތިބި ކަމަށް ބުނެފައިވެ އެވެ.

ރަޝިޔާ އިން ވަނީ މި ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އަށް  ގޮވާލާފަ އެވެ. ހޫތީންގެ މިލިޓަރީ ތަރުޖަމާނު ބުނެފައި ވަނީ، އެމެރިކާގެ ހަމަލާ ތަކަށް ޖަވާބެއްގެ ގޮތުން ޔޫއެސްއެސް ހެރީ އެސް ޓްރުމަން، އަދި އެހެން އުޅަނދު ތަކަށް ބެލިސްޓިކް މިސައިލް ތަކާއި، ޑްރޯން ތަކުން ހަމަލާ ދީފައި ވާނެ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ދިފާއީ އޮފިޝަލަކު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީން އިން ބުނެފައި ވަނީ، ޣައްޒާ އަށް އެހީ ފޯރު ކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ދަތި ކުރުންތައް ނައްތާ ނުލާ ނަމަ، ރަތް ކަނޑުން ދަތުރު ކުރާ އިސްރާއީލްގެ އުޅަނދު ތަކަށް ހަމަލާ ދޭނެ ކަމަށެވެ.

އީރާންގެ އައިއާރްޖީސީގެ އިސް ކޮމާންޑަރު ވިދާޅުވެފައި ވަނީ، ހޫތީންނަކީ އަމިއްލަ ނިންމުންތައް ނިންމާ ބައެއް ކަމަށެވެ. އެމެރިކާގެ ހަމަލާ ތަކުގައި މަރުވި 31 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހޫތީންގެ ސިއްޙީ ވުޒާރާގެ ތަރުޖަމާނު އަނީސް އަލް-އަސްބާހީ ވިދާޅުވެފައިވެ އެވެ.

އެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. މި ހަމަލާތަކާ ގުޅިގެން ގްލޯބަލް ވިޔަފާރި އަށް ހުރަސް ތަކެއް ކުރިމަތިވެފައި ވާއިރު، އެމެރިކާ އަށް ވަނީ މިސައިލްތަކާއި ޑްރޯންތައް އިންޓަރސެޕްޓް ކުރުމަށް ބޮޑު ޚަރަދު ތަކެއް ކުރަން ޖެހިފަ އެވެ.

ޖެނުއަރީ މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓުނު ފަހުން، ހޫތީންގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް، ޣައްޒާ އަށް އެހީ ފޯރުކޮށްދިނުން އަލުން ނުފެށޭނަމަ ހަމަލާތައް އަލުން ފެށޭނެކަމަށް ހޫތީން ގުރޫޕުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް