ކ. މާލެ
|
17 މާރޗް 2025 | ހޯމަ 01:49
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ މެމްބަރު ރާއީ
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ މެމްބަރު ރާއީ
ރާއްޖެ އެމްވީ
އެމްޑީޕީގެ ކުއްލި އެއްވުން
ކަނބަލުންނަށް ޗިޓް ފޮނުވާ ބިރު ދައްކާ ވަރަކަށް މުޒާހަރާތައް ވާނީ ވަރުގަދަ - ރާއީ
އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނަށް ޗިޓް ފޮނުވާ، ފުލުހަށް ހާޒިރުކުރަމުންދާ އިރު އެކަމަކީ އެއީ އެމްޑީޕީގެ މުޒާހަރާތަކަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށް އެ ޕާޓީން ސިފަކުރޭ
މި ގޮތަށް މަގްބޫލް ސަބަބެއް ނެތި ބަޔަކު ފުލުހަށް ހާޒިރުކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވެސް ރާއީ ވިދާޅުވި

އެމްޑީޕީގެ އަންހެނުންނަށް ޗިޓް ފޮނުވާ ބިރު ދައްކާ ވަރަކަށް މުޒާހަރާތައް ވާނީ ވަރުގަދަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ރާއީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

ރާއީ ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ) އާއި ފާތިމަތު ޝިއުނާގެ އިތުރުން އެހެން ބައެއް އަންހެނުންނަށް ވެސް މުޒާހަރާގައި ބައިވެރިވުމުން ފުލުހަށް ހާޒިރު ވުމަށް އަންގަމުންދާ ކަމަށް ވިދާޅުވެފައެވެ. މުޒާހަރާގައި ބައިވެރިވާ އަންހެނުންނަށް ބިރު ދެއްކުމަށް ބޮޑެތި ތުހުމަތުތައް ކޮށްގެން ފުލުހަށް ހާޒިރުކުރުމުން އޭގެ ނަތީޖާ އަކީ އެ އަންހެނުންގެ ހައްގުގައި މުޒާހަރާ އަށް ނުކުންނަ މީހުންގެ އަދަދު އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތަށް މަގްބޫލް ސަބަބެއް ނެތި ބަޔަކު ފުލުހަށް ހާޒިރުކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. މިހާރު މުޒާހަރާތަކާއި ގުޅިގެން ފުލުހަށް ހާޒިރުކުރާ މީހުން ހާޒިރު ކުރަނީ ރަނގަޅަށް ނޫން ކަމަށް ފުލުހުންގެ އޮފިސަރުން ވެސް ބުނަމުންދާ ކަމަށް ރާއީ ވިދާޅުވިއެވެ.

ސަރުކާރުން އާއްމުންގެ ހައްގުތައް ނިގުޅައިގަތުމުން މުޒާހަރާ އަށް ނިކުންނަ އާއްމުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ދުވަހަކަށް ވުރެ ދުވަހެއް އާއްމުންގެ އަޑު ވާނީ ގަދަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ގެންދަނީ ސިލްސިލާކޮށް އެއްވެ ސަރުކާރާއި މެދު ހުރި ކަންބޮޑުވުންތަކާއި މެދު އަޑު އުފުލަމުންނެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރުތައް ނަގާލުމާއި، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމާއި ދެކޮޅަށް އެމްޑީޕީން ދަނީ އަޑު އުފުލަމުންނެވެ.

އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނަށް ޗިޓް ފޮނުވާ، ފުލުހަށް ހާޒިރުކުރަމުންދާ އިރު އެކަމަކީ އެއީ އެމްޑީޕީގެ މުޒާހަރާތަކަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށް އެ ޕާޓީން ސިފަކުރެއެވެ. މިއީ އެ ޕާޓީން ބުނާ ގޮތުގައި މިނިވަން ސިޔާސީ ހަރަކާތަށް ހުރަސް އެޅުމަށް ކުރާ ކަމެކެވެ.

- ކޮމެންޓް