ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 10:36
ޔަމަނުގެ ސަނާގައި އެމެރިކާ އިސްވެ އޮވެ ވައިގެ ހަމަލާތައް ދިނުމާ ގުޅިގެން، އުޑުމަތީގައި ދުން އަރަނީ
ޔަމަނުގެ ސަނާގައި އެމެރިކާ އިސްވެ އޮވެ ވައިގެ ހަމަލާތައް ދިނުމާ ގުޅިގެން، އުޑުމަތީގައި ދުން އަރަނީ
ރޮއިޓަރސް
ޔަމަނުގެ ހޫތީން
ހޫތީން އަށް އަމާޒުކޮށް އެމެރިކާ އިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި 
އެގޮތުން ހޫތީންގެ މިސައިލް އަދި ޑްރޯން ނިޒާމުތަކާއި، ވައިގެ ދިފާއީ ޤާބިލިއްޔަތު ތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ދީފައި.

ޔަމަނުގެ ހޫތީން އަށް އަމާޒުކޮށް، އެމެރިކާ އިން ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި ހޫތީން އަށް އަމާޒުކޮަށް އެ ޤައުމުން ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

އެގޮތުން ހޫތީންގެ މިސައިލް އަދި ޑްރޯން ނިޒާމުތަކާއި، ވައިގެ ދިފާއީ ޤާބިލިއްޔަތު ތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ދީފަ އެވެ.

މި ހަމަލާތަކަކީ ހޫތީންނާ ދެކޮޅަށް ފެށޭ ހަރުކަށި މިލިޓަރީ ކެމްޕެއިނެއްގެ ފެށުން ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މި ހަމަލާތައް ދެވުނީ ރެޑް ސީ ގައި ދަތުރު ކުރާ އުޅަނދު ފަހަރަށް އަލުން ހަމަލާ ދޭނެ ކަމަށް ހޫތީން އިން އިންޒާރު ދިނުމާ ގުޅިގެންނެވެ.

ހަމަލާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލް ގައި ހޫތީންނަށް އަމާޒުކޮށް ހަރުކަށި އިންޒާރެއް ދެއްވާފައި އެވެ. އަދި ހޫތީންގެ މައި ބާރުވެރިޔާ ކަމުގައިވާ އީރާނަށް ވެސް އިންޒާރު ދެއްވި އެވެ.

ހޫތީންގެ އަލް މަސީރާ ޓީވީން ބުނެފައި ވަނީ ޔަމަނުގެ ވެރިރަށް ސަނާ އަށް ހަމަލާ ދެވުނު ކަމަށެވެ. ހޫތީން، ޔަމަނުގެ ގިނަ ސަރަހައްދުތަކާއި ވެރިރަށް ކޮންޓްރޯލް ކުރާއިރު، ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލަށް މިސައިލް އަދި ޑްރޯން ހަމަލާތައް އަންނަނީ ދެމުންނެވެ.

ޓްރަމްޕް އޭނާގެ ފުރަތަމަ ދައުރު ގައި ހޫތީން ބޭރުގެ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓު ގައި ހިމެނުއްވި ނަމަވެސް، ކުރީގެ ރައީސް ޖޯ ބައިޑެން ވަނީ އެ ލިސްޓުން އެ ޖަމާއަތް އުނިކޮށްފަ އެވެ.

އެއީ އިންސާނީ އެހީ ފޯރު ކޮށްދިނުމަށް ދަތިވާނެ ކަމަށް ބުނެ، އިންސާނީ އެހީގެ ޖަމާއަތްތަކުން އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.

މިހާރު އަރަބި ސަރަހައްދުގެ އެންމެ ފަގީރު ގައުމަށް ވެފައިވާ ޔަމަނުގެ 34 މިލިއަން އާބާދީގެ ތެރެއިން، ދެބައި ކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީ ބޭނުންވެފައިވާ ކަމަށް ވަނީ ރިޕޯޓުކު ކޮށްފަ އެވެ.

- ކޮމެންޓް