ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން ފުލުހަށް ޙާޟިރު ވުމަށް، އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ) އަދި ފާތިމަތު ޝިއުނާއަށް ޗިޓު ފޮނުވައިފިއެވެ.
ހޮނިހިރު ދުވަހު ފުލުހުން މަންދީއަށް އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:30 އަށް، ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ޙާޟިރު ވުމަށެވެ. އަދި ޝިއުނާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30 އަށް، ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.
މަންދީއަށް އަދި ޝިއުނާއަށް އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ،އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ ތުހުމަތުގައި މަންދީ އަދި ޝިއުނާ ޙާޟިރު ކުރަނީ އޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ބުނެފައިވެއެވެ. ބަޔާން ނެގުމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.
މުޒާހަރާއާ ގުޅިގެން މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސަލީމް (މާޒް ސަލީމް)، އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިން ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
ފުލުހަށް ހާޒިރުކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާއި އެކު، މިސަރުކާރާއި ދެކޮޅަށް ނިކުންނަ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ބުހައްޤު ބާރޔު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.
ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުރުމަށެވެ.