ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މިސްކިތްތަކެއް އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
އެގޮތުން ޤުރުއާނާބެހޭ މަރުކަޒުގެ 2 ގޮފި އިމާރާތްކުރުމަށާއި، އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން 11 މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީ އެވެ.
މިނިސްޓްރީން ބުނީ ފެނަކަ ކޯޕަރޭޝަންއަށް 11 މަޝްރޫއު ހަވާލުކޮށްފައިވާއިރު އެމްޓީސީސީއަށް 3 މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ޚަރަދުގައި އަޅާ މިސްކިތްތަކެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއުތަކުގެ އަގުތައް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެ ކަމަށާއި، މިސްކިތްތައް ސޯލާ އާއި އޭސީ ހަރުކޮށް ވިނައިލް ފްލޯރިންގ އަޅާނެ ކަމަށެވެ. އަދި ޤުރުއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހަދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މަޝްރޫއުތަކުގެ ތަފްސީލުތަކާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ލ. މާބައިދޫގައި ގުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ޅ. އޮޅުވެލިފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 900 ދުވަސް ތެރޭގައި ނިންމާ ގޮތަށް ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ސ. ފޭދޫ ހިއްކި ސަރަހައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 550 ދުވަސް ތެރޭގައި ނިންމާ ގޮތަށް ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްގީކުރުމުގެ މަސައްކަތް ފެނަކައަށް، 550 ދުވަސް ތެރޭގައި ނިންމާ ގޮތަށް ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް، 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ބ. މާޅޮސް 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް އަދި 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް އއ.ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ވަނީ ހަވާލުކޮށްފައެވެ.