ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިން ހޮނިހިރު ދުވަހު ފުލުހަށް ހާޒިރުކޮށްފިއެވެ.
މުޒާހަރާތަކާއި ގުޅިގެން ފުލުހަށް ހާޒިރު ވުމަށް ޝާމިން އަށް ޗިޓް ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. ޝާމިން އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00 އަށް، ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ޙާޟިރު ވުމަށެވެ. އެގޮތުން ހޮނިހިރު ދުވަހު އޭނާ ވަނީ ހާޒިރުކޮށްފައެވެ.
ޝާމިން އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ ތުހުމަތުގައި ޝާމިން ޙާޟިރު ކޮށްފައި ވަނީ އޭޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. ބަޔާން ނެގުމަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފަ އެވެ.
މުޒާހަރާއާ ގުޅިގެން ޝާމިން ފުލުހަށް ހާޒިރު ކުރިއިރު، މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވެސް ފުލުހަށް ހާޒިރު ވުމަށް ވަނީ ޗިޓު ފޮނުވާފައެވެ. މި ހުރިހާ ފަރާތްތަށް ވެސް ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓުގައި ކޮށްފައި ވަނީ އެއް ތުހުމަތެކެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ނުހައްޤު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން އަންނަ ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.
ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުުރުމަށެވެ.