ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 15:51
އިންޑިއާގެ ނިއު ދިއްލީގައި އުޅޭ ދިވެހިންނާ ރައީސް މުއިއްޒުގެ ދެކަނބަލުން ބައްދަލު ކުރެއްވުން
އިންޑިއާގެ ނިއު ދިއްލީގައި އުޅޭ ދިވެހިންނާ ރައީސް މުއިއްޒުގެ ދެކަނބަލުން ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ރައީސްގެ ދަރިން
ރައީސްގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަންދީ، ފައްޔާޒް އަދި އެމްޑީޕީ އަށް ދައުވާ ކުރަނީ
ޖިނާއީ ދާއުވާ އެއް ކުރުމަށް ސާޖިދާ ގަސްތު ނުކުރައްވާ ކަމަށް އާޒިމާ ވިދާޅުވި
އްސަލަ ދިރާސާކުރުމަށް ފަހު އިތުރު ފަރާތްތަކަށް ދައުވާ ކުރަން ޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށް ވަކީލް ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ނިންމައިފި ކަމަށް ބުނެފިއެވެ.

އެކަން ހާމަކުރި ހޮނިހިރު ދުވަހު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ނެރުނު ނޫސް ބަޔާން މީޑިއާ އާއި ހިއްސާކުރައްވާފައި ވަނީ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރެވެ.

ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް ސިޔާސީ ގޮތުން އޭނާ އަށް ތަފާތު ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް ސިޔާސީ ފާޑުކިޔުންތަކާއި މެދު އެއްޗެއް ބުނެ ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ސާޖިދާގެ 18 އަހަރު ނުފުރޭ ކުޑަ ކުދިންގެ އަބުރު ގެއްލޭ ގޮތަށް ފަހަކަށް އައިސް ސިޔާސީ ހަރަކާތްތަކުގައި ވާހަކަދައްކަމުންދާތީ އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި ފިޔަވަޅުތައް އަޅަނީ އަމިއްލަފުޅު ގޮތުން ކަމަށާއި ސަރުކާރުގެ ބައިވެރިވުމެއް އޭގައި ނެތް ކަމަށެވެ.

ރައީސް އޮފީހުގެ ކޮމިނިއުކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލުގެ ބެއްލެވުމުގެ ދަށުން، ދިމްޔާތުގައި ކުރިއަށް ދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދާގެ ޤާނޫނީ ވަކީލް އާޒިމާ ވަނީ  ރައީސް މުއިއްޒުގެ ދަރިންގެ، ހަށި ނުވަތަ ފުރާނަ ނުރައްކަލަށް ދާ ވަރުގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށްވިދާޅުވެފައެވެ. އެހެންނަމަވެސް ޖިނާއީ ދާއުވާ އެއް ކުރުމަށް ސާޖިދާ ގަސްތު ނުކުރައްވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލަ އާއި ގުޅިގެން މަދަނީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. މިހާހިސާބަށް އައި އިރު ކުދިންގެ ކިޔެވުމާއި ރައްކާތެރިކަމަށް ބުރު އަރާ ފަދަ ކަންކަން ވެފައިވާ ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ. މިއީ ޤާނޫނީ ގޮތުން ބަލާއިރު ކުދިންގެ ރައްކާތެރިކަން ގެއްލުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

މި ވަގުތު ފައްޔާޒް އާއި އެމްޑީޕީގެ އިތުރުން މަރިޔަމް ޒުބައިރަށް ދައުވާ ކުރި ނަމަވެސް އިތުރު މީހުންނަށް ދައުވާ ނުކުރާނެ ކަމަށް ވިދާޅުވެވެން ނެތް ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި މައްސަލަ ދިރާސާކުރުމަށް ފަހު އިތުރު ފަރާތްތަކަށް ދައުވާ ކުރަން ޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ނިންމި ކަމަށް ސާޖިދާގެ ފަރާތުން ވަކީލު އާޒިމާ ވިދާޅުވި ނަމަވެސް، އެ ދައުވާ އުފުލެނީ ތުހުމަތު ކުރެވޭ ފަރާތްތަކުން ކޮންކޮން ކަމެއް ގާނޫނާ ޚިލާފަށް ކޮށްގެން ކަމެއް ނޫސްވެރިން އެހުމުންވެސް އާޒިމާ ވިދާޅެއް ނުވެއެވެ.

- ކޮމެންޓް