ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުން ފަނޑިޔާރަކު ހޯދުމަށް މިމަހުގެ 10 ވަނަ ދުވަހު އިއުލާން ކުރިއެވެ. ދެ ދުވަހުގެ މުއްދަތެއް ދިންއިރު، ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތެވެ. ނިހާޔަތުގެ އިތުރުން، އެއްވެސް ބޭފުޅަކު މަގާމަށް ކުރިމަތިލާފައި ނުވާތީ އަލުން އިއުލާންކުރިއެވެ.
ދެވަނަ އަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު 4 މާރިޗް 2025 އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ސުއޫދު އިސްތިއުފާ ދެއްވިއިރު، ހުންނެވީ ސަސްޕެންޑް ވެސް ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މި ފަނޑިޔާރުންގެ ތެރެއިން ވެސް މަހާޒް އާއި އަޒްމިރަލްދާ ހުރީ ސަސްޕެންޑްކޮށްފައެވެ.
ފަނޑިޔާރުންގެ މައްސަލަތަކެއް ބަލައި، 26 ފެބްރުއަރީ 2025 ގައި ސަސްޕެންޑްކޮށްފައި މިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާފައިވަނިކޮށެވެ.