ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 13:32
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
އެންޓި ކޮރަޕްޝަން ކޮމިޝަން
ރާއްޖޭގައި މިވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަނެއް ނެތް، އޮތީ ކޮރަޕްޝަން ކޮމިޝަނެއް: މީކާއިލް ނަސީމް
ރާއްޖޭގެ މިހާރު މިއޮތް ހާލަތަކީ ބިރުވެރި ހާލަތެއް, މައްސަލައެއް ބެލޭނެ ކޯޓެއް، މުއައްސަސާއެއް މި ގައުމުގައި މިހާރު ނެތް
މިހާރު ދިވެހި ރައްޔިތުންނަށް މަޖުބޫރުވެފައި މިވަނީ މަގުމައްޗަށް ނުކުމެ އަޑު އުފުލައި މަގުމަތިން އިންސާފު ހޯދަން

ރާއްޖޭގައި މިވަގުތު ކޮރަޕްޝަންގެ މައްސަލަތަށް ބަލަން "އެންޓި ކޮރަޕްޝަން ކޮމިޝަން" އެއް ނެތް ކަމަށާއި މިވަގުތު އޮތީ ކޮރަޕްޝަންގެ ހުރިހާ ކަމަކަށް ވެސް މަގުފަހި ކޮށްދެމުން އަންނަ ކޮރަޕްޝަން ކޮމިޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް ނަސީމް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ހާލަތަކީ ބިރުވެރި ހާލަތެއް ކަމަށާއި އެގޮތުން މައްސަލައެއް ބެލޭނެ ކޯޓެއް، މުއައްސަސާއެއް މި ގައުމުގައި މިހާރު ނެތް ކަމަށެވެ. އެގޮތުން މިހާރު ދިވެހި ރައްޔިތުންނަށް މަޖުބޫރުވެފައި މިވަނީ މަގުމައްޗަށް ނުކުމެ އަޑު އުފުލައި މަގުމަތިން އިންސާފު ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވިދަޅުވީ ދިވެހި ރާއްޖޭގައި މިވަގުތު ކޮރަޕްޝަނުގެ މައްސަލަތަށް އިތިހާއަށް އިތުރުވެފައިވާއިރު، މިތަނުގައި މި މައްސަލަތަށް ބަލާނޭ އެންޓި ކޮރަޕްޝަން ކޮމިޝަނެއް ނެތް ކަމަށެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަދަލުގައި މިހާރު މި ގައުމުގައި ހުރީ ހަމަ އެކަނި ކޮރަޕްޝަން ކޮމިޝަނެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ކޮރަޕްޝަން ހިންގަން ބަރާބަަރަށް މަގުފަހި ކޮށްދެމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މި ސަރުކާރުން ހިންގާ ބޮޑެތި ކޮރަޕްޝަންތައް ބެލޭނެ ގޮތެއް މިއަދު ނެތް ކަމަށާއި މި ސަރުކާރުން ހިންގާ އެއްވެސް ކޮރަޕްޝަނެއްގެ މައްސަލައެއް މިހާރު އޮތް ކޮމިޝަނުން ބަލައި ނުގަންނަކަމަށެވެ. އަދި މި ކޮމިޝަނުގެ މިހާރުގެ މަސައްކަތަކީ ކޮރަޕްޝަން ފެސިލިޓޭޓް ކޮށްދިނުން ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މި ފަހަކަށް އައިސް ފެންނަ މަންޒަރަކީ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ބަދަލުކޮށްލުމާއި، އެއް މުއައްސަސާއެއްގައި ހުންނަވާ ބޭފުޅަކު އަނެއް މުއައްސަސާއަށް ބަދަލުކުރުން ފަދަ ކަންކަން ސަރުކާރުން ކުރަމުން އައުން ކަމަށެވެ. އަދި މިސަރުކާރުން ކުރާ މި ކަންކަމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެރުންތެރިކަމާއި ވިސްނުން ފުޅުގެ ކުލަދާނަކަން ކަމުގައި ބައެއް ބޭފުޅުން ވިދާޅުވަމުންގެންދާ ކަމަށް ވެސް މީކާއިން ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ މި ސަރުކާރުން މިފަދައިން ކަންކަން ކުރައްވަމުން އެ ގެންދަވަނީ ރައީސް މުއިއްޒުގެ ހުރި ކެރުންތެރިކަމާއި ކުޅަދާނަކަމުން ނޫން ކަމަށާއި އެކަމުން ވެސް އެ ދޭހަވަގެން ދަނީ ރައީސް މުއިއްޒުގެ ހުރި ނުކުޅެދުންތެރިކަމާއި ރޭވުން ތެރިކަން އެއްވެސް ވަރަކަށް ނެތްކަން ކަމަށެވެ.

މީކާއިލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކުންފުނިތައްފަދަ ތަންތަނަށް މީހުން އައްޔަން ކުރުމުގައި އެއްވެސް ވަރަކަށް ވިސްނާވަޑައިގެންފައި ނުވާ ކަމަށާއި އެކަމުން ވެސް އެނގިގެން ދަނީ ރައީސް މުއިއްޒަށް މީހުންވެސް ރަނގަޅަށް ދަސްނުވާ މިންވަރު ކަމަށެވެ. އެހެން ނޫންނަމަ ދުވާލަކަށް ތަނަކަށް މީހަކު ލާ މަންޒަރު ފެނިގެން ނުދިޔައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ކޮރަޕްޝަން ކޮމިޝަނުން ބަލައިވެސް ނުގަންނަނީ. އެހެންވީމާ މިހާރު ކޮރަޕްޝަން ކޮމިޝަނުން މި ކުރައްވާ ކަމަކީ ކޮރަޕްޝަން ފެސިލިޓޭޓް ކޮށްދިނުން. އެކަން ބަރާބަރަށް އެބަކުރައްވާ. އަޅުގަނޑުމެންނަސް އެބަ ފާހަގަވޭ މިހެން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެމްޑީން ބަދަލުކޮށްލަފާނެ ދޭތެރެއަކުން އިންގޭތޯ. އަނެއްކާވެސް ކުރިން ހުންނަ ބޭފުލަކު ގެންނަވަފާނެ. މިހާރު ހުންނަވާ ބޭފުލަކު އެހެން މިނިސްޓްރީ އަކަށް ނޫނީ އެސްއޯއީ އަކަށް ބަދަލުކޮށްލަފާނެ. މިކަހަލަ މަންޒަރުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ރައީސް މުއިއްޒުގެ މި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަތަކާއި ގުޅުވައި މީކާއިލް ވިދާޅުވީ ރައީސް މުއިއްޒު، ބައެއް ކުންފުނިތަކަށް ރާއްޖެއިން ބޭރުން ބޭފުޅުން ގެންނަކީ ކޮރަޕްޝަން ހިންގާތީ އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވާ ކަމަށާއި ނަމަވެސް އާޚިރުގައި ކަންތައް ވެގެން މިދަނީ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރާ އެމްޑީ އަކު ނުވަތަ ސީއީއޯ އަކު ވިއްޔާ މަޤާމުން ވަކިކުރާތަން ކަމަށެވެ.

މީކާއިލް ވިދާޅުވީ އާރުޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުވެސް މަޤާމުން ވަކި ކުރައްވާފައި ވަނީ ލިބޭ އެއްޗަކުން ރައީސް މުއިއްޒަށް ބައި ނާޅާތީ ކަމަށެވެ. ހަމަ އެގޮތަށް ވެމްކޯގެ ޕްރޮކިއުމަންޓުގެ ކަންކަން ވެސް އެ ގެންދަނީ ރެއާއި ދުވާލު ކޮރަޕްޝަންތައް ހިންގަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެމްކޯގައި މިހާރު އެ ހުންނަވަނީ ރައީސް މުއިއްޒަށް ބައިއަޅާ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅުންނަށް މަޤާމުގައި ދެމިތިބެވޭ މަންޒަރު މި ސަރުކާރުގެ ތެރެއިން ފެންނަ ކަމަށް ވެސް މީކާއިލް ވިދަޅުވިއެވެ.

- ކޮމެންޓް