ރައީސް މުއިއްޒުގެ މި ސަރުކާރުގެ ފަރާތުން މި ފެނިގެންދަނީ، ހުދުމުހުތާރު ވެރިކަމެއް ހިންގުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
މީޑިޔާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންގެ އަސާސީ ޙައްޤުތައް ނިގުޅައިގަތުމަށް އަމާޒުކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް ބަހުސް ކުރައްވަމުން އަބްދުލް ޣަފޫރު ވިދާޅުވީ މިއީ ހުދުމުހުތާރު ވެރިކަމަކަށް އެޅޭ ނުރައްކާތެރި ފިޔަވަޅެއް ކަމުގައެވެ. އަދި ފެނިގެން މިދަނީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ވައްކަން ކުރުން ދިފާއު ކުރަން އުޅޭތަން ކަމުގައެވެ.
އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި މިބިލާ ސަރުކާރުން ހަވާލު ނުވިޔަސް، މިބިލަކީ ސީދާ ސަރުކާރު އަޑީގައި އޮވެގެން ހުށަހާޅާފައިވާ ބިލެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެހެން ކަމުން މަޖިލީހުގައި ބޭކާރު ވާހަކަ ނުދައްކަވާ، ސަރުކާރު މެމްބަރުން މި ބިލާ ހަވާލު ވިއްޔާ މާ ތާހިރު ވާނެކަމަށް ޣަފޫރު ފާހަގަ ކުރެއްވި އެވެ. އަދި މިބިލާ ހަވާލުނުވެ މިހާ ލަދުވެތި މަންޒަރުތައް ސަރުކާރު މެމްބަރުންގެ ފަރާތުން ފެންނަންޔާ، ރައްޔިތުން މި ސަރުކާރަށް ކުރާނީ ކޮން އިތުބާރެއްތޯ ވިދާޅުވެ ޣަފޫރު ސުވާލު އުފައްދާވާފައި ވެއެވެ.
އެއްވެސް ހާލަތެއްގައި މި ގައުމު ނޮޅާ، ވީދައިގެން ކާކަށް ވަގުންގެ އަތްމަށްޗަށް ދޫކޮށްލެވެން ނެތް ކަމަށް ފާހަގަ ކުރައްވަމުން މެމްބަރު ޣަފޫރު ވިދާޅުވީ، ވައްކަން ކުރީމަ މީޑިޔާގައި އެވާހަކަ ދައްކާ ރައްޔިތުންނަށް ހަގީގަތް ހާމަކުރަން ޖެހޭ ކަމުގައެވެ. ދައުލަތުގެ މުދަލުން ވައްކަން ކުރާ މީހުންނަށް އިސްލާމް ދީނުގައި އޮތް ހުކުމުގެ ވާހަކަ ވެސް ދެކެވެން ޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ކިތަންމެ ވަރަކަށް މި ބިލާ ހަވާލު ނުވަން އުޅުނަސް، އަޅުގަނޑުމެންނަށް އެބަ އެނގޭ މިއީ ކޮންތާކުން ކޮން ބަޔަކު ހުށަހަޅައިގެން އުޅޭ ބިލެއްކަން، ކިތަންމެ ބިރެއް ދެއްކިޔަސް ރައްޔިތުންގެ އަނގަ ބަންދެއް ނުކުރެވޭނެ، ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރަންޔާ އެވާހަކަ ދައްކާނެ، އެވާހަކަ ދެކެވެން ޖެހޭނެ. ހަގީގަތާ އެއްގޮތަސް ބަސް ބުނުމުގެ ހައްގު ރައްޔިތުންނަށް އޮންނަން ޖެހޭނެ
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ![]()
ރައީސް މުއިއްޒުގެ ސަރުކާރުން މި ގައުމުގައި ބޭނުންހާ އެއްޗެއް ހެދުމަށް ފުރުސަތު ނުދޭކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. ބޭނުންހާ ފަނޑިޔާރެއް ކޯޓުތަކަށް ލައިގެން ، ބޭނުން ގޮތަކަށް ހުކުމްތައް ނެރެގެން ސަލާމަތެއް ނޯންނާނެ ކަމަސް ފާހަގަ ކުރައްވަމުން މެމްބަރު ޣަފޫރު ވިދާޅުވީ ގާނޫނާ ހިލާފު ކަންކަން ކުރާ ފަރާތް ތަކަށް ހައްގު އަދަބު ލިބިގެންދާތަން ފެނިގެންދާނެ ކަމަށެވެ.
ކިތަންމެ ބިރެއް ދެއްކިޔަސް ވައްކަން ކުރާ ފަރާތްތަކުގެ ވާހަކަ ދެއްކުން ނުހުއްޓުވޭނެ ކަމަށާއި، ރައްޔުތުންގެ އަނގަ ބަންދުކުރާކަށް ފުރުސަތެއް ނުދޭނެކަމަށާއި ހަގީގަތާއި އެއްގޮތަށް ބަސް ބުނުމުގެ ހައްގު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ މަޖިލީހުގައި މެމްބަރު ޣަފޫރު އަޑު އުފުއްލަވާފައި ވެއެވެ.
ރާއްޖޭގެ މީޑިޔާތަކަށް އެއްވެސް ހާލެއްގައި ގެއްލުންދޭ ތަން ބަލަން ނުހުންނާނެ ކަމަށާއި، ހައްގުތައް ކަށަވަރު ކުރުމަށް މަގުމައްޗަށް ނިކުމެގެން ވިޔަސް އެކަން ކުރައްވާނެ ކަމަސް ޣަފޫރު ވިދާޅުވިއެވެ. މިއީ މީޑިޔާގެ މިނިވަންކަން ގެއްލުވާލާ މީޑިޔާ އަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ނިގުޅައިގަތުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް މެމްބަރު ޣަފޫރު ވަނީ ސިފަ ކުރައްވާފަ އެވެ.