ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފުލުހުންނަށް އޮތް ކިލަނބުކަން ފިލުވާލެވިފައިވާ ކަމަށާއި، ނަމަވެސް މިހާރު އަނެއްކާ ވެސް އެ ކިލަނބުކަން އަލުން އިޔާދަވާން ފަށާފައިވާ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ. މާޒް ސަލީމް ޕޮލިހަށް ހާޒިރުކުރި ވަގުތު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި، އާއްމުން ވަނީ އެސަރަހައްދަށް އެއްވަފަ އެވެ.
އެތަނުގައި ހުންނަވައި ބިގޭ ވިދާޅުވީ ފުލުހުންގެ މާޒީއަށް ބަލާއިރު، ނުރަނގަޅު ތުހުމަތުތަކެއް ކުރެވިފައިވާ މުއައްސަސާއެއް ކަމަށާއި، ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގައި ކުރި ގިނަގުނަ މަސައްކަތުގެ ސަބަބުން ފުލުހުންނަށް އޮތް ކިނލަބުކަން ފިލުވާލެވިފައިވާ ކަމަށެވެ.
ނަމަވެސް މިސަރުކާރާއެކު މިހާރު އަނެއްކާ ވެސް ފުލުހުންގެ މުއައްސަސާއަށް އެ ކިލަނބުކަން އަންނަމުންދާ ކަމަށާއި، އަނިޔާވެރިކަން އިސްކުރަމުންދާ މަންޒަރު ފެންނަ ކަމަށް ބިގޭ ވިދާޅުވި އެވެ. ފިކުރުތައް އެއްކުރުމުގެ ސިޔާސަތު ގެންގުޅޭ މިސަރުކާރުން ފުލުހުންނަށް ވެސް ގާނޫނު އަސާސީން ބޭރުން އަމަލު ކުރުމަށް އަމުރު ކުރަމުންދާ ކަމަށާއި، އެއަށް ބޯނުލެބުމަށް ބިގޭ ގޮވާލެއްވި އެވެ.
ފުލުހުންނަކީ މާޒީވެ ދުވަސްތަކަށް ބަލާއިރު، ވަރަށް ނުރަނގަޅު ތުހުމަތުތަކެއް ވަރަށް ގިނަ ބަޔަކު ކުރަމުން އައި ބައެއް. އަންގާލާއިރަށް ހަމަ ވެރިއަކު އެބުނާގޮތަށް އުސޫލެއް ހަމައެއްލަމައެއް ނެތި ކަންތައް ކުރަމުންދާ ބައެއްގެ ގޮތުގައި ލޭބަލް ވެފައި ތިބި ބައެއް. އެހެންނަމަވެސް ފުލުހުންގެ ގާނޫނާ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަދި އަޅުގަނޑުމެންގެ ވެރިކަންތަކުގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ސަބަބުން ފުލުހުންނަށް އޮތް ކިނލަބުކަން އެ ފިލުވާލެވި ރީތި ނަމެއްގެ ގޮތުގައި ފުލުހުން މަސައްކަތް ކުރަމުންދަނި ކޮށް އަނެއްކާ ވެސް ބާރުތައް އެއެއްކުރުމުގެ ފިކުރުގެ ތެރެއިން އަނިޔާވެރިކަން އެއްކުރުމުގެ ފިކުރުގެ ތެރެއިން އުފެދިފައި އޮތް ސަރުކާރެއް މިވަގުތު އޮތީތީ އެސަރުކާރުން ނަހަމަ ގޮތުގައި ވަޒީރުންނަށް ތިއްބަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އަމުރުކުރެއްވީމަ ވަޒީރު އެ އަމުރު ކޮމިޝަނަރ އޮފް ޕޮލިސް އެބޭފުޅުން އެ ޕޮއެންޓް ކުރައްވާ ބޭފުޅަކަށްވާތީ އެންގެވީމަ އޭގެ ދަށަށް ތިއްބަވާ އޮފިސަރުން ކޮމިޝަނަރ އޮފް ޕޮލިސް އަމުރުކުރެއްވީމަ ތިރިއާ ހަމައަށް އައިސްގެން އުޅޭ ނުރަނގަޅު ކަންތައްތަކެއް މިއަންނަނީ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)![]()
ބިގޭ ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިން ކަމަށާއި، އެންމެ ވަރުގަދަ ބަހަކަށްވާނީ ރައްޔިތުންގެ ބަސް ކަމަށެވެ. ބިގޭ ވިދާޅުވީ ރައްޔިތުން މަގު މައްޗަށް މިއަދު ނުކުންނަނީ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށާއި، އެފުރުސަތު ފުލުހުން ވެސް ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މި ނޫން ގޮތަކަށް ސަރުކާރަށް ރައްޔިތުންގެ އަޑު ނީއްވޭނެ ކަމަށެވެ.