ރާއްޖޭގެ ކަންކަން މިއަދު މިދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، ރާއްޖެ މިދަނީ 30 އަހަރު ފަހަތަށް ކަމަށާއި ފެހި ޤާނޫނު އަސާސީން އެމްޑީޕީން ވަރަށް ބުރަ މަސައްކަތުން ހޯދި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން މިސަރުކާރުން ފޭރިގެންފައިވާ ކަމަށާއި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް ކެތް ނުކުރެވިގެން އިތުރު ގޮތެއް ނެތިގެން މަގުތަކަށް ނިކުނަން މަޖުބޫރުވީ ކަމަށެވެ.
ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވަމުން ރާއީ ވިދާޅުވީ، ވެރިކަމުގެ އާރާއި ބާރު ޕީއެންސީއަށް ލިބިފައިވާއިރު، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބި ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް މިސަރުކާރަށް ކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންނަށް މިހާ ބޮޑު ގެއްލުމެއްދިން ސަރުކާރެއް ނެތް ކަމަށާއި، މިސަރުކާރުން ފަތުރުވެރިކަން ފުނޑާލާއި، ޓެކްސީ ޑްރައިވަރުން އެމީހުން ކާންބޯން ކުރަމުންދާ މަސައްކަތް ހުއްޓުވުމަކަށް ގެންނަން ޓެކްސީ ލައިންއެއް ތަޢާރަފްކޮށް ރައްޔިތުން ނިކަމެތިކޮށްފި ކަމަށެވެ.
އަދި ފްލެޓް ލިސްޓް އޮތް ގޮތަށް ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެން، އެވައުދާއި ޚިލާފުވެ ރައްޔިތުންގެ ބޯ ހިޔާވަހިޔަން ފޭރިގަނެފައިވާ ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ބޭސް ސިޓީއަށް ސަލާން ޖަހަން ރައްޔިތުންނަށް ޖެހިފައިވާއިރު، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ އަގު ކުރުމުން އެހައްގު ހޯދަން މަގުތަކަށް ނިކުނަން ޖެހޭ ކަމަށާއި މިމުޒާހަރާތައް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު 1:00ށް ރާއީ ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. ބުދަ ދުވަހުގެ 3:30 ހާއިރު ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން ރާއްޖެއެމްވީއަށް ރާއީ ވިދާޅުވީ އެތުހުމަތުތަކުން ބަރީއަވާ ކަމަށާއި، ޝުއޫރު ފާޅުކުރުމުން މައްސަލައަކަށް ވާނަމަ ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގެ ރައްޔިތުން ޖަލަށް ދާންޖެހިދާނެ ކަމަށެވެ. އަދި ފުލުހަށް ހާޒިރު ކޮށްފައިވަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، އަނިޔާ ކުރަމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.