އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަޝްވަރާގެ ދަޢުވަތު ޤަބޫލުފުޅު ނުކުރައްވަން، އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ނިންމަވައިފި އެވެ.
ޓްރަމްޕް ފޮނުއްވި ސިޓީ އީރާނަށް ލިބުނީ ބުދަ ދުވަހު އެވެ. އެމިރޭޓްސް ރައީސްގެ ލަފާދޭ ފަރާތް، އަންވަރު ގަރްގާޝް ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕްގެ ސިޓީ އީރާނަށް ރައްދު ކުރެއްވި އެވެ.
މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ ޚާމަނާއީ އަށް ސިޓީ އެއް ފޮނުއްވާފައިވާ ކަމަށާއި، ނިއުކްލިއަރ މަޝްވަރާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި މަޝްވަރާތަކަށް ދެކޮޅު ހަދައިފި ނަމަ، ސިފައިން ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެ އެވެ.
އީރާންގެ ރުޙާނީ ލީޑަރު ޚާމަނާއީ ވިދާޅުވީ، ޓްރަމްޕްގެ ފަރާތުން ލިބިވަޑައިގެންނެވި ސިޓީ ނުބައްލަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޓްރަމްޕްގެ މަޝްވަރާގެ ދަޢުވަތަކީ ދުނިޔޭގެ ރައްޔިތުންނަށް އޮޅުވާލުމެއް ކަމަށެވެ.
އަދި އަމެރިކާ އާއެކު މަޝްވަރާ ކުރުމުން އީރާނުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް ޚާމަނާއީ ވިދާޅުވި އެވެ.
"އަހަރެމެން މަޝްވަރާކުރަން އިންކާރު ކުރަނީ ކީއްވެތޯ؟ މި މީހާ (ޓްރަމްޕް) ޖޭސީޕީއޯއޭ ފޮތި ފޮތި ކޮށްލީ،" ޚާމަނާއީ ވިދާޅުވި އެވެ.
މިއީ 2015 ވަނަ އަހަރު ވެވުނު ނިއުކްލިއަރ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ޚާމަނާއީ ދެއްކެވި ވާހަކަ އެކެވެ.
އީރާނުގެ ރޫޙާނީ ލީޑަރު ޚާމަނާއީ އިތުރަށް ވިދާޅުވީ، އަމެރިކާގެ މިހާރުގެ ސަރުކާރާ އެކު މަޝްވަރާ ކުރުމުން ދަތިތައް އިތުރުވެ، ފިއްތުންތައް ބޮޑުވާނެ ކަމަށެވެ.
އަދި ނިއުކްލިއަރ ހަތިޔާރު އުފައްދަން އީރާނުން ބޭނުންވާ ނަމަ، އަމެރިކާ އަށް އެކަން ހުއްޓުވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައި، އީރާނުން ވަނީ "އެންމެ މަތީ ފިއްތުމުގެ" ދަށުން މަޝްވަރާ ނުކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ، 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުން ބޭރުވެ، އީރާނުގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައި އެވެ.