ކެނެޑާގެ އައު ބޮޑު ވަޒީރު ކަމަށް ހޮވުނު މާކް ކާނީ، ބޮޑު ވަޒީރު ކަމުގެ ހުވާ ހުކުރު ދުވަހު ކުރައްވާނެ ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ.
ލިބަރަލް ޕާޓީގެ އައު ލީޑަރުގެ މަގާމަށް ކާނީ އިންތިޚާބުވީ މި ހަފުތާގެ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގަ އެވެ. މިއީ އެންމެ ފަހުން ކެނެޑާގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ޖަސްޓިން ޓްރޫޑޯ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމާ އެކު، އައި ބަދަލެކެވެ.
ކެނެޑާގެ އައު ބޮޑު ވަޒިީރު ކަމަށް ވަޑައިގަންނަވާ ކާނީ އަކީ, މީގެ ކުރިން ކެނެޑާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މާލީ ދާއިރާ ގައި އޭނާގެ ތަޖުރިބާ އަކީ އެ ޤައުމުގެ އިޤްތިޞާދީ ކުރިމަގަށް މުހިންމު އެސެޓެއް ކަމުގައި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ކެނެޑާގެ ސިޔާސީ މަޝްރަޙުގައި މި އަންނަ ބަދަލާ އެކު، ކުރިއަށް އޮތް ދުވަސް ތަކުގައި އެ ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާ ތަކަށް އަންނާނެ ބަދަލުތަކަށް ގިނަ ބަޔަކު އަންނަީ ޝައުޤުވެރި ކަމާއެކު ބަލަމުންނެވެ.
ލިބަރަޕް ޕާޓީގެ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާނީ ކާމިޔާބު ކުރައްވާފައި ވަނީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެ އިންތިޚާބުގައި ކާނީ ވަނީ 85.9 އިންސައްތަ ވޯޓު ހޯއްދަވައިފަ އެވެ. ކާނީއާ އެންމެ ގާތުން ވާދަކުރީ ކުރީގެ މާލީ ވަޒީރު ކްރިސްޓިއާ ފްރީލޭންޑް އެވެ.
ކާނީ ވެރިކަމާ ހަވާލުވަނީ ކެނެޑާ އަށް ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ. ޖަނަވަރީ މަހު ޓްރޫޑޯ އިސްތިއުފާ ދެއްވުމަށްފަހު، ފެށުނު ލީޑަރޝިޕް ވާދައިގައި ކާމިޔާބު ހޯދި ކާނީ އަކީ މީގެ ކުރިން އެއްވެސް އިންތިޚާބީ މަޤާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ.
ބޮޑު ވަޒީރު ކަމަށް ކާނީ ވަޑައިގެންނެވި ނަމަވެސް، އަވަސް އިންތިޚާބަކަށް ދިއުމުގެ ފުރުސަތު ނުވަތަ އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން މީގެ ކުރިން ވަނީ ލަފާ ކޮށްފަ އެވެ.