ރަޖިސްޓަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޒާ މަރިޔަމް ޝައްމާ އިސްމާއިލް އައްޔަން ކޮށްފިއެވެ.
އެމަޤާމަށް ޝައްމާ އައްޔަން ކޮށްފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި މަރިޔަމް ވިސާމް މާރިޗު މަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިކަން ކަށަވަރު ކޮއްދެއްވާ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވަނީ މަރިޔަމް ޝައްމާ އިސްމާއިލް މަޤާމަށް އައްޔަން ކޮށްފައިވާ ކަމަށާއި އަދި އެނާއަށް މަރުޚަބާ ވިދާޅުވެފައެވެ.
ޝައްމާ ވަނީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިނގިރޭސިވިލާތުން ބެޗްލަރ އޮފް ލޯސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި 2021 ވަނަ އަހަރު ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމު އަދާކުރެއްވި އިރު، އޭގެ ކުރިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ޝައްމާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒް އަދި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ފަދަ މުހިންމު މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.