އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ނުކުރައްވާނެ ކަމަށް، އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.
"ޓްރަމްޕް ބޭނުން ކަމެއް ކުރަންވީ" ކަމަށް ވިދާޅުވެ ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާ އިން އަމުރުކޮށް ބިރު ދައްކާ ގޮތަށް ކަންތައް ކުރުމަކީ އިރާނުން ޤަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ޕެޒެޝްކިއަން މިހެން ވިދާޅުވި ނަމަވެސް، އިރާންގެ ޚާރިޖީ ކަންކަން ކަނޑައެޅުމުގެ ބާރު އޭނާ އަށް ނޯވެ އެވެ. އެ ޤައުމުގެ އެންމެހައި ކަންކަމުގައި އެންމެ ފަހުގެ ނިންމެވުން ނިންމަވާނީ، ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެވެ.
މީގެ ކުރިން ޕެޒެޝްކިއަން ވަނީ އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އަމިއްލަ ގޮތުން ތާއީދު ކުރައްވާ ކަމަށް މި މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
ނަމަވެސް، ރޫޙާނީ ލީޑަރު ޚާމަނާއީ އިދިކޮޅު ހައްދަވާހާ ހިނދަކު މަޝްވަރާތައް ނުބޭއްވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ޕެޒެޝްކިއަން ވިދާޅުވެފައިވެ އެވެ.
ހުކުރު ދުވަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ ޚާމަނާއީ އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީ ގައި ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލައްވާފައިވާ ކަމަށާއި، އިރާނުން އިންކާރު ކޮށްފި ނަމަ ހަނގުރާމައިގެ ފިޔަވަޅުތަކެއް އެޅިދާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް ބުނެފައިވެ އެވެ.
2015 ވަނަ އަހަރު އިރާނާއި ބޮޑެތި ބާރުވެރި ޤައުމުތަކާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި، އިރާނުގެ ނިއުކްލިއަރ ހަރަކާތްތަކަށް ހަނި ކުރުންތަކެއް ގެނައުމުގެ ބަދަލުގައި، ދަތިތައް ލުއި ކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ.