ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 15:38
ރަޝިޔާ އިން ޔުކްރެއިން ފޮނުވާލި ހަމަލާތަކުގައި ޑްރޯންތައް ހޯދުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކުން ކުރަމުން އަންނަނީ
ރަޝިޔާ އިން ޔުކްރެއިން ފޮނުވާލި ހަމަލާތަކުގައި ޑްރޯންތައް ހޯދުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކުން ކުރަމުން އަންނަނީ
އޭއެފްޕީ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާ އިން ޔުކްރެއިން އަށް ބާރުގަދަ ހަމަލާތަކެއް ދީފި
ރަޝިޔާ އިން ވަނީ ޔުކްރެއިން އަށް ބެލިސްޓިކް މިސައިލް ހަމަލާ އަކާއި، 126 ޑްރޯން ހަމަލާ ދީފައެވެ.

ރަޝިޔާގެ ސިފައިން ޔުކްރެއިން އަށް ބާރު ގަދަ ހަމަލާތަކެއް ދީފައިވާކަން އެ ޤައުމުން ހާމަކޮށްފި އެވެ.

ޔުކްރެއިންގެ އޮފިޝަލުން ހާމަކޮށްފައިވަ ގޮތުގައި ރަޝިޔާ އިން ވަނީ ޔުކްރެއިން އަށް ބެލިސްޓިކް މިސައިލް ހަމަލާ އަކާއި، 126 ޑްރޯން ހަމަލާ ދީފަ އެވެ. ހަމަލާގައި ބޭނުން ކޮށްފައި ވަނީ އިސްކަންދަރް-އެމް ބެލިސްޓިކް މިސައިލް ކަމަށް ބުނެފައިވެ އެވެ.

ޔުކްރެއިންގެ އެއާ ފޯސް އިން ބުނެފައިވާ ގޮތުގައި 126 ޑްރޯންގެ ތެރެއިން 79 ޑްރޯން އެއް ވަނީ ހުއްޓުވައިފަ އެވެ. އަދި އިތުރު 35 ޑްރޯން އެއް އިލެކްޓްރޯނިކް ވޯފެއާ ކައުންޓަރ މެޝާސްގެ ސަބަބުން ޓާގެތަށް ނުދެވުނު ކަމަށް ބުނެފައިވެ އެވެ. 

 އޮޑެސާ ސަރަހައްދުގައި މި ހަމަލާގެ ސަބަބުން ތެޔޮ ރައްކާކުރާ ތަނަކާއި، އަމިއްލަ ގެއަކާއި، ކުޅޭ ތަކެތި ރައްކާކުރާ ތަނެއްގައި އަލިފާން ރޯވެފައިވެ އެވެ. މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ހަމަލާގެ ސަބަބުން ހާކިވް ސަރަހައްދުގައި އެކަކު ޒަޚަމްވެފައިވެ އެވެ. ދަނޑުވެރިކަމުގެ ތަކެތި ރައްކާކުރާ ތަންތަނަށް ގެއްލުން ލިބުނު ކަމަށް ގަވަރުނަރު އޮލެހް ސިނީހުބޮވް އަދި ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ހަމަލާގައި ސުމީ ސަރަހައްދުގައި ވެސް އެކަކު ޒަޚަމްވި އެވެ. ދެ ބުރީގެ ހަތަރު އިމާރާތަކަށް ގެއްލުން ލިބުނު ކަމަށް ސަރަހައްދީ އިދާރާތަކުން ޓެލެގްރާމްގައި ހާމަކޮށްފައިވެ އެވެ. ރަޝިޔާ އިން ފޮނުވާލި ޑްރޯންތަކުގެ ތެރެއިން، ވައްޓާ ނުލެވުނު 12 ޑްރޯން އަށް ވީ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ހަމަލާ ދެވުނީ ރަޝިއާގެ އޮފިޝަލުން ބުނާ ގޮތުން ޔުކްރެއިނުން މޮސްކޯ އަށް މިހާތަނަށް ދިން އެންމެ ބޮޑު ޑްރޯން ހަމަލާގެ ފަހުންނެވެ. އެ ހަމަލާގައި ސަތޭކަ އަކަށް ވުރެ ގިނަ ޑްރޯން ވަނީ ވައިގެ ތެރެއިން ހުއްޓުވާލެވިފަ އެވެ.

- ކޮމެންޓް