Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 15:02
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޕުޓިން ހުންނެވީ ސުލްޙަ އަށް ތައްޔާރަކަށް ނޫން: ސްޓާމާ
ސްޓާމާ އިތުރަށް ގޮވާލައްވާފައި ވަނީ، ޔުކްރެއިންގެ ވެރި ރަށް ކީވް އަދި އެހެން ސަރަހައްދު ތަކަށް ރަޝިޔާ އިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އިތުރު ފިޔަވަޅު ތަކެއް އެޅުމަށެވެ.

ރަޝިޔާ އިން ޔުކްރެއިންނާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައިގައި، ރަޝިޔާގެ ރައީސް ޕުޓިން ހުންނެވީ ސުލްޙަވެރިކަމަށް ތައްޔާރަށް ނޫން ކަމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ރަޝިޔާ އިން ވަނީ ޔުކްރެއިންގެ ވެރި ރަށް ކީވް އަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގައި ޔުކްރެއިން ސަރުކާރުގެ މައި އިމާރާތުގައި ވަނީ އަލިފާން ރޯވެފަ އެވެ. އަދި އެ ހަމަލާގެ ސަބަބުން ބަޔަކު މަރުވެފައިވާއިރު، އިތުރު ބަޔަކަށް ވަނީ އަނިޔާ ވެފަ އެވެ.

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ވަނީ، ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން ދީފައިވާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ. އެ ހަމަލާ ތަކަށް އިޝާރާތް ކުރައްވައި ސްޓާމާ ވިދާޅުވީ، އެކަމުން ދައްކައިދެނީ ރަޝިޔާގެ ރައީސް ޕުޓިން ހުންނެވީ ސުލްޙަވެރި ކަމަށް ތައްރާށް ނޫން ކަމެވެ.

ސްޓާމާ ވިދާޅުވީ ކީވްގެ އިތުރުން، ޔުކްރެއިންގެ އެހެން ސަރަހައްދު ތަކަށް ދިން އަނިޔާވެރި އަދި ނުރައްކާތެރި ހަމަލާ ތަކަކީ އެކަމުގެ ސަބަބުން ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި އެއީ ފިނޑި އަމަލެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެކަމުން ދައްކުވައި ދެނީ، އެއްވެސް ފަރާތަކަށް ރަޝިޔާ ޖަވާބުދާރީ ނުވެވޭނެ ކަމަށް ޕުޓިން ޤަބޫލުކޮށްގެން ހުންނެވި ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، އެ ހަމަލާތައް ކުށްވެރި ކުރައްވާފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން ވެސް ވަނީ ރަޝިޔާ އަށް އަމާޒުވެފަ އެވެ. އަދި ގިނަ ޤައުމު ތަކަކުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ.

ސްޓާމާ އިތުރަށް ގޮވާލައްވާފައި ވަނީ، ޔުކްރެއިންގެ ވެރި ރަށް ކީވް އަދި އެހެން ސަރަހައްދު ތަކަށް ރަޝިޔާ އިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އިތުރު ފިޔަވަޅު ތަކެއް އެޅުމަށެވެ. އަދި ޔުކްރެއިން އަށް ބޭނުންވާ އިތުރު ސަލާމަތާއި، ރައްކާތެރި ކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރު އެޅުމަށް ވެސް ސްޓާމާ ވަނީ ގޮވާލައްވައިފަ އެވެ.

ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، އެ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޔޫރަޕުގެ ލީޑަރުން އަންނަނީ ގޮވާލަމުންނެވެ. އަދި އެކަމުގައި ރަޝިޔާ އާއި، ރަޝިޔާގެ ރައީސް ޕުޓިން އަށް ބާރު އެޅުއްވުމަށް، ޔޫރަޕުގެ ލީޑަރުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެސް ގޮވާލައްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް