ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 01:19
ރާޅުގަނޑު ސަރަހައްދުގައި އިން ގެއެއް ބަލާ ފާސްކުރަނީ 11 މާޗް 2025
ރާޅުގަނޑު ސަރަހައްދުގައި އިން ގެއެއް ބަލާ ފާސްކުރަނީ 11 މާޗް 2025
ރާއްޖެއެމްވީ
ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަން
އޮޕަރޭޝަނާއި ގުޅުންހުރި ބަޔާން ކެންސަލް ކުރިނަމަވެސް އޮޕަރޭޝަން ކުރިއަށް ގެންދަނީ
ފުލުހުން މާލެ ސަރަހައްދުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން
މާލޭގެ ރާޅުގަނޑު ސަރަހައްދެއްގައި ހުރި ގެއަކާއި، ގަލޮޅު ދަނޑު ކައިރި އިން ގެއެއް އަދި ޖުމްހޫރީ މައިދާނު ކައިރިން ހުއްޓުވާފައިވާ ޕިކަޕެއްގެ ތެރެއިން މީހަކު ވަނީ ހައްޔަރުކޮށްފައި

އޮޕަރޭޝަނާއި ގުޅުންހުރި ބަޔާން ކެންސަލް ކުރިނަމަވެސް އޮޕަރޭޝަން ފަށައި ތަންތަން ބަލައި ފާސްކުރަން ފަށައިފިއެވެ.

‎ފުލުހުން ހޯމަ ދުވަހުގެރޭ ސޯޝަލް މީޑިއާގައި ކުއްލި ގޮތަކަށް އިއުލާންކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން އެ ބަޔާން ސޯޝަލް މީޑިއާގައި އާންމުކުރީ 10:35 ހާއިރުއެވެ. އަދި އޭގެ ފަހުން 10:56 ގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ބުނެފައިވަނީ އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ނަގާފައިވަނީ ނާޒުކު ތަފްސީލުތައް ޔަގީންކުރަމުންދާތީ ކަމަށެވެ. އަދި ފުލުހުންނަކީ ޞައްޙަ އަދި އިތުބާރުހުރި މަޢުލޫމާތު ފޯރުކޮށްދޭ މުއައްސަސާއަކަށް ވާތީ، އިތުރު އަޕްޑޭޓްތައް މީޑިއާ އާއި ހިއްސާ ކުރާނީ ތަފްސީލު ކަށަވަރު ކުރެވުމުން ކަމަށެވެ.

ނަމަވެސް މާލޭގެ 3 ސަރަހައްދަކާއި ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރެއް ފުލުހުން އަންނަނީ ބަލާ ފާސްކުރަމުންނެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދެއްގައި ހުރި ގެއަކާއި، ގަލޮޅު ދަނޑު ކައިރި އިން ގެއެއް ދަނީ ބަލާ ފާސްކުރަމުންނެވެ.

މީގެ އިތުރުން ޖުމްހޫރީ މައިދާނު ކައިރިން ޕިކަޕެއް ހުއްޓުވައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ތަކުރާރުކޮށް ފުލުހުން ސުވާލުކުރުމުންވެސް ފުލުހުން މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުދިނެވެ.

- ކޮމެންޓް