އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރިއަށްގެންދާ މުޒާހަރާ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ މައްޗަން ގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހިމް އަބްދުﷲ (ގައްބަރޭ) ޝަރުތުތަކަކާއި އެކު ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ މުޒާހަރާގެ ތެރެއިން، ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް، ސަބަބެއް ހާމައެއް ނުކޮށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރީ އޭނާ އަށް ޓާގެޓް ކޮށްގެން އައިސް ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
ހޯމަ ދުވަހު ހެނދުނު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނެފައެވެ. އެހެންނަމަވެސް ޝަރުތުތަކުގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ޗެއަރ ޕަރސަންގެ ނައިބު އިބްރާހިމް ވަހީދު ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އޭނާ އަށް ކުރިމަތިކުރުވާފައި ވަނީ ދެ ޝަރުތެއް ކަމަށެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި އިތުރު ކުށަކަށް އަރައިނުގަތުމެވެ. އޭނާގެ މައްޗަށް ކުރަމުން ދަނީ ފުލުހެއްގައިގައި ޖެހިކަމުގެ ތުހުމަތު ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއަށް ފުލުހުން ކުއްލިއަކަށް ވަދެ މުޒާހަރާގެ ބައިވެރިއެއް ވެއްޓުމުން އޭނާއަށް އެހީތެރިވުމަށް މުޒާހަރާގެ އެހެން ބައިވެރިން ދާން އުޅުމުން ފުލުހުން އެކަމަށް ހުރަސް އަޅައި، އާންމުން ކޮއްޕަން ފެށިއެވެ. އަދި އާންމުން ކުރިއަށްޖެހެން މަސައްކަތް ކުރުމުންވެސް ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ކޮއްޕާ ފަހަތަށް ޖައްސަން އުޅެފައިވެއެވެ.
އާދިއްތަ ދުވަހުގެ ރޭ މުޒާހަރާއިން މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.